22 Jul 2018, 17:33
ކޮލަމްބޯ(ޖުލައި 22): ސްރީ ލަންކާއިން ބޭނުން މަޝްރޫއެއް ހިންގުމަށް ޗައިނާއިން އެގައުމަށް 295 މިލިއަން ޑޮލަރު ދޭން ނިންމައިފި ކަމަށް ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެއެވެ.
ސިރިސޭނާ އެފަދައިން ވިދާޅުވީ ޗައިނާއިން ހަރަދުކޮށްގެން ލަންކާގައި އަޅާ ކިޑްނީ ހޮސްޕިޓަލުގެ މަސައްކަތް ފައްޓަވައިދެއްވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.
ދެކުނު އޭޝިއާގެ އެންމެ ބޮޑު ކިޑްނީ ހޮސްޕިޓަލަށް ވާނެ ކަމަށް ބެލެވޭ އެހޮސްޕިޓަލުގައި 200 އިންޕޭޝެންޓު އެނދާއި 100 ޑައެލެސިސް އެނދު ހުންނާނެއެވެ.
ރައީސް ސިރިސޭނާ ވިދާޅުވި ގޮތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ލަންކާއަށް އެފައިސާ ހަދިޔާ ކުރައްވަން ނިންމެވިކަން އެންގެވީ، ލަންކާގައި ހުންނަވާ ޗައިނާގެ ސަފީރެވެ.
"ރައީސް ޝީ ވަނީ އަޅުގަނޑު ބޭނުން މަޝްރޫއަކަށް ހަރަދު ކުރަން ދެ ބިލިއަން ޔޫއާން ހަދިޔާ ކުރައްވާފަ. ވީމާ ގައުމުގައި ވޯޓު ލާ ހުރިހާ ސަރަހައްދެއްގައި ގެ އަޅަން ޗައިނާގެ ސަފީރަށް އަޅުގަނޑު ޕްރޮޕޯޒަލްއެއް ހުށަހަޅާނަން،" ސިރިސޭނާ ވިދާޅުވިއެވެ.
ޗައިނާއިން އެފައިސާ ހަދިޔާކޮށްފައި ވަނީ، އެގައުމުން ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ރިޔާސީ ކެމްޕެއިނަށް ހަރަދު ކުރި ކަމުގެ ތުހުމަތުތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ޗައިނާގެ ހާބާ އިންޖިނިއަރިން ކޮމްޕެނީން ވަނީ 2015 ވަނަ އަހަރު ރާޖަޕަކްސަގެ ކެމްޕެއިނަށް 7.6 މިލިއަން ޑޮލަރު ހަރަދުކޮށްފައި ކަމަށް މިދިޔަ މަހު ނިއު ޔޯކް ޓައިމްސްއިން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ސިރިސޭނާގެ ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވަނީ އެމައްސަލަ ތަހުގީގު ކުރަން ގޮވާލާފައެވެ.
ނަމަވެސް ރާޖަޕަކްސަ އާއި ލަންކާގައި ހުންނަ ޗައިނާގެ އެމްބަސީން ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.
ސިރިސޭނާގެ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު އޭނާ ވަނީ ޗައިނާއިން ލަންކާގައި ކުރިއަށްގެންދާ ގިނަ މަޝްރޫއުތަކެއް ހުއްޓުވާފައެވެ. ނަމަވެސް އެމަޝްރޫއުތަކަށް ގެނައި ބަދަލުތަކަށް ފަހު، ސިރިސޭނާ ވަނީ އަނެއްކާވެސް އެމަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ހުއްދަ ދެއްވާފައެވެ.
ޗައިނާއިން ދިން ލޯނު އެހީގެ ދަށުން ރާޖަޕަކްސަގެ ސަރުކާރުން ފެށި ގިނަ މަޝްރޫއުތަކާ ގުޅިގެން، އެމެރިކާ އާއި އިންޑިއާ އާއި ޖަޕާނުން ވަނީ، ޗައިނާއިން ލަންކާގައި އަސްކަރީ މަރުކަޒެއް ބިނާކޮށްފާނެ ކަމަށް ތުހުމަތުކޮށްފައެވެ.
އަދި ރައީސް ރާޖަޕަކްސަގެ ސަރުކާރުގައި ޗައިނާގެ އެހީގެ ދަށުން ހިންގާފައިވާ ގިނަ މަޝްރޫއުތަކުގެ ސަބަބުން ލަންކާ ވަނީ ވަރަށް ބޮޑަށް ދަރަނިވެރިވެފައެވެ. އޭގެ ސަބަބުން މިދިޔަ އަހަރު ލަންކާއިން ވަނީ ޗައިނާގެ ލޯނު އެހީއާ އެކު ތަރައްގީ ކުރި ، ޗައިނާގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދީފައެވެ.
ޗައިނާއަކީ 2009 ވަނަ އަހަރު ލަންކާގެ 26 އަހަރުވީ ހަނގުރާމަ ނިމުނު ފަހުން، އެގައުމު އާރާސްތު ކުރުމަށް އެހީވުމަށް އިސްނެގި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. (ރޮއިޓާސް)