ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަަހައްޓަން 27 ރިސޯޓަކުން ދެކޮޅުހަދާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ 27 ރިސޯޓުން ވޯޓު ފޮށި ބަހައްޓަން ދެކޮޅު ހަދާފައިވާކަން ޓުއަރިޒަމް މިނިސްޓްރީ އިން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން، ވޯޓު ފޮށި ބެހެއްޓުމާ ބެހޭގޮތުން 79 ރިސޯޓަކުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން އިލެކްޝަންސްއަށް އަންގާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރިސޯޓުތަކުގައި 43 ވޯޓު ފޮށި ބެހެއްޓި އިރު މިފަހަރުގެ އިންތިހާބުގައި މިހާތަނަށ 36 ރިސޯޓުގައި ވޯޓު ފޮށި ބަހައްޓާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ މިފަހަރުގެެ އިންތިހާބުގައި ވޯޓް ފޮށި ބެހެއްޓުމަށް 130 ރިސޯޓާ ޓުއަރިޒަމް މިނިސްޓްރީ މެދުވެރިކޮށް ވާހަކަދައްކާފައިވާ ކަމަށެވެ.

ވޯޓު ފޮށި ބަހައްޓާ ސަރަހައްދުތަކުގައި ގާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ ޝަރުތުތަކެއް ހުރެއެވެ. އެހެން ކަމުން ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނަ ނަމަ، އެ ޝަރުތުތައް ފުރިހަމަ ކުރުމުގެ ޒިންމާ ރިސޯޓުތަކުން ނަގަން ޖެހޭނެއެވެ.

އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ ހަތް ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. އެ ރިސޯޓުތަކަކީ ކުރަމަތި އައިލެންޑް ރިސޯޓް، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް، ސަން އައިލެންޑް ރިސޯޓު އެންޑް ސްޕާ، ބަނޑޮސް މޯލްޑިވްސް، ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ، ކުރެއްދޫ އައިލެންޑް ރިސޯޓު އަދި ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސް އެވެ.

އެހެން ނަމަވެސް، ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށްޓަކައި މީހުން ރެޖިސްޓްރީ ވާން ޖެހޭ މިންވަރު އިލެކްޝަންސް އިން ވަނީ މުރާޖާ ކޮށްފައެވެ. އަދި 100 މީހުން ހަމަވާ ކޮންމެ ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭ ގޮތައް ވަނީ ނިންމާފައެވެ. އަދި އެއާއެކު އިތުރު 29 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް އިން ވަނީ ނިންމާފައެވެ.