22 Jul 2018, 16:31
އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ނޫން މީހުންނަށް ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރާތުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ ޝަރުތުތަކަކާއެކު އެހީތެރިޔަކަށް ވޯޓު ކަރުދާހުގައި ފާހަގަ ޖެހިދާނެ ކަމަށެވެ.
"ވޯޓުލުމަށް ނުވަތަ ފާހަގަޖެހުމަށް ނުކުޅެދޭ މީހަކަށް އެހެން މީހެއްގެ އެހީތެރިކަން ހޯދިދާނެއޭ. އެހެންނަމަވެސް ހޯދޭ ފަރާތަކީ ވަކި އުސޫލުތަކެއް އިންނާނެ ކަނޑައަޅާފަ. ވޯޓުލާ މަރުކަޒުގެ ވެރިޔާގެ ހުއްދައާ އެކީގަ އެޕްރޫވް ކުރާ ފަރާތަކަށް. އޭގެމާނައަކީ އެ ފޮއްޓަށް ވޯޓުލާ މީހަކަށް ވާންޖެހޭ. އެކަކަށްވުރެ ގިނަ މީހުންނަށް އެހީތެރިއެއް ނުވެވޭނެ. ވޯޓުލާ މަރުކަޒުގައި ހުންނަ އިސްވެރިއެއް އެޕްރޫވްކޮށް ހުއްދަދޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ. އޭގެމާނައަކީ އެއްވެސް ބޭފުޅެއްގެ މަންމަ ނުވަތަ ބައްޕައަށް އަޅުގަނޑުމެން ކޮމިޝަންގެ ފަރާތުން ނޫން ވޯޓުލައިދޭނީކީއެއް. ނުވަތަ އެ ފަރާތެއްގެ ހައްގެއް ނިގުޅައިގަނެވޭފަދަ ގޮތަކަށް ނޫން." ޝަރީފު ވިދާޅުވިއެވެ.
އިލެކްޝަންސް އިން މިއަދު ގެޒެޓުގައި ޝާއިރުކުރި ރިޔާސީ އިންތިހާބުގެ ގަވާއިދުގެ 36 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ "ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހަކު ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގައި ވޯޓުފޮށީގެ ވެރިޔާގެ ހުއްދައާއިއެކު އެހެން މީހަކު އޭނާއަށް އެހީވެދިނުމަކީ ހުއްދަ ކަމެއް" ކަމަށެވެ.
އަދި އެކަމުގައި އެމީހަކަށް އެހީތެރިވެދިން މީހެއްގެ ނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު ވޯޓު ނެގުމުގެ ވޯޓު ނެގުމުގެ ކަންތައްތަކާ ހަވާލުވެގެން ތިބި މީޙުން ނަގަން ވާނެ ކަމަށް ގަވާއިދުގައިވެ އެވެ.
ގަވާއިދުގައި ވާގޮތުން ވޯޓު ލުމުގެ ޖިސްމާނީ ކުޅެދުންތެރިކަން ނެތް މީހުންނަކީ:
1) ލޯފަން މީހުން ނުވަތަ ލޮލުން ނުފެނުމުގެ ސަބަބުން ވޯޓު ކަރުދާހުގައި ފާހަގަ ނުޖެހޭ ވަރުގެ މީހުން
2) ދެ އަތް މީހުން ބޭނުންނުކުރެވޭ މީޙުން
3) މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުން އަމިއްލައަށް ވޯޓު ކަރުދާހުގައި ފާހަގަ ނުޖެހޭ މީހުން
އެހެން މީހަކަށް އެހީތެރިވެވޭނެ ކަމަށް ޝަރީފު ވިދާޅުވި ނަމަވެސް ގަވާއިދުގައި، ބޭނުން މީހަކަށް ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނެ ކަމަށް ބުނެފައި ނެތެވެ.