ވޮޝިންޓަން(ޖުލައި 22): އެމެރިކާގެ އެސްޓްރޮނޯޓް ނީލް އާމްސްޓްރޯންގް ހަނދަށް ގެންދިޔަ ބައެއް ތަކެއްޗާއި އޭނާއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ތަކެތި ނީލަން ކިޔަން އެ އާއިލާއިން ނިންމައިފިއެވެ.

ނީލް އާމްސްޓްރޯންގްގެ ދަރިފުޅު މާކް ބުނި ގޮތުގައި ގާތްގަނޑަކަށް 2،000 ތަކެތި ހިމެނޭ އެ ކަލެކްޝަނުގައި ހަނދަށް ގެންދިޔަ ތަކެއްޗާއި އޭނާގެ ބައްޕަ ސޮއިކޮށްފައިވާ ތަކެއްޗާއި ތާރީހީ ގޮތުން ފާހަގަކޮށްލެވޭ ގިނަ ތަކެތި ހިމެނޭނެއެވެ.

އޭގެ ތެރޭގައި ހަނދަށް ގެންދިޔަ އެމެރިކާގެ ދިދައެއްގެ އިތުރުން އދ.ގެ ދިދަ އަކާއި ނާސާގެ އެސްޓްރޮނޯޓުންނަށް ދީފައިވާ މެޑަލްތައް ހިމެނޭނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެތަކެތި ނީލަން ކިޔާނީ މިއަހަރުގެ ނޮވެމްބަރު މަހާއި އަންނަ އަހަރުގެ މޭ މަހާއި ނޮވެމްބަރު މަހުގައެވެ.

ވިހި ޖުލައި 1969ގައި، ހަނދުގައި އެންމެ ފުރަތަމަ ފިޔަވަޅު އެޅި މީހާ ކަމަށް ބުނާ އާމްސްޓްރޯންގް ވަނީ 2012 ވަނަ އަހަރު މަރުވެފައެވެ. އޭރު އޭނާގެ އުމުރުން 82 އަހަރެވެ.