ކޮރެއާގެ ހިތްގައިމު ލަގްޜަރީ އެޕާޓްމަންޓުތަކުގެ ހުރިހާ "ރަހަތަކެއް" އެކުލެވޭގޮތަށް، ހުޅުމާލޭގައި ބިނާކުރާ ލަގްޜަރީ އެޕާޓްމެންޓުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ބުނެފިއެވެ.

"ކޭ-ޕާކް ރެސިޑެންސް"ގެ ނަމުގައި ހުޅުމާލޭ ޕްލޮޓް ނަންބަރު 10906"ގައި އިމާރާތްކުރާ 14 ބުރީގެ މި އިމާރާތުގެ މަސައްކަތަކީ ރެއާގެ ހަމްބޯޓެކް އާއި ރާއްޖޭގެ ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ކޮރެއާގެ ހަމްބޯޓެކާއި ރާއްޖޭގެ ހަމްބޯ ކޮމްޕެނީ ގުޅިގެން ހުޅުމާލޭގައި އަޅާ "ކޭ-ޕާކް ރެސިޑެންސް"ގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މި އިމާރާތުގައި ޖުމްލަ 110 އެޕާޓްމެންޓް ހުންނާނެއެވެ. އޭގެ ތެރޭގައި 1276.4 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމެންޓާއި، 1522 އަކަފޫޓުގެ 1+3 ކޮޓަރީގެ އެޕާޓްމެންޓު، 1307.1 އަކަފޫޓުގެ 1+2 ކޮޓަރީގެ އެޕާޓްމެންޓު އަދި 1484.7 އަކަފޫޓުގެ 1+2 ކޮޓަރީގެ އެޕާޓްމެންޓުތައް ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ޖުމްލަ 11 އެޕާޓްމެންޓާއި 1+2 ކޮޓަރީގެ 22 އެޕަޓްމެންޓު އަދި 1+3 ގެ 77 އެޕާޓްމެންޓެވެ.

ކޮރެއާގެ ހަމްބޯޓެކާއި ރާއްޖޭގެ ހަމްބޯ ކޮމްޕެނީ ގުޅިގެން ހުޅުމާލޭގައި އަޅާ "ކޭ-ޕާކް ރެސިޑެންސް"ގެ މަސައްކަތްކުރިއަށް ދަނީ --- ފޮޓޯ: ކޭ ޕާކް ރެސިޑެންސް

ދެހާސް ސަތާރަވަނަ އަހަރު ބިންގާއެޅި "ކޭ-ޕާކް ރެސިޑެންސް"ގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު އެ އިމާރާތުގެ ސްޓްރަކްޗާގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލާނެއެވެ.

"ކޭ-ޕާކް ރެސިޑެންސް"ގެ އެޕާޓްމަންޓުތައް އިމާރާތްކުރަނީ ޗައިނާގެ ޝީޖިއާ ގްރޫޕާ ހަވާލުކޮށްގެންނެވެ. ހުޅުމާލޭގެ ހިތްގައިމު މަންޒަރުތައް ފެންނާނެ ސަރަހައްދެއްގައި އަޅާ މި އިމާރާތުގައި ސްވިމިންޕޫލާއި ކެފެޓީރިއާ އަދި ކުޑަކުދިން ކުޅޭ ސަރަހައްދުވެސް ހިމަނާފައިވެއެވެ. މި އިމާރާތް ހުންނާނީ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ.

ކޭ ޕާކް ރެސިޑެންސް ގެ ޕަބްލިކް އިލެކްޓްރިކް ކޮންސަޕްޝަން އަށް ކަރަންޓު ހިދުމަތް ދިނުމަށް ސެލްފް ސޯލާ ޖެނެރޭޝަން ސިސްޓަމްތަކެއް ގާއިމް ކުރާއިރު، މި ލަގްޒަރީ އެޕާޓްމެންޓުތަކުގައި ގޭތެރެއަށް ބޭނުންވާނެ ހުރިހާ ސާމާނެއް ހިމަނާފައި ހުންނާނެއެވެ. އެގޮތުން ލަގްޒަރީ ވޯޑްރޯބްސް، ޓީވީ، ދޮންނަމެޝެން، އައިސް އަލަމާރި، ސްމާޓް އަވަން، ކިޗަން ކެބިނެޓް އަދި ޝޫ ރެކް ފަދަ ސާމާނު ހިމަނާފައި ހުންނާނެއެވެ. މިތަކެތީގެ އަގު 20،000 ޑޮލަރަށް އަރާނެއެވެ. އެޕާޓްމެންޓު ގަންނަ ފަރާތްތަކުން ބޭނުންވާގޮތަށް ކިޗަން ކެބިނެޓާއި ވޯޑްރޯބު ކަސްޓަމައިޒް ކޮށްދޭނެއެވެ.

އެޕާޓްމެންޓުތަކުގައި ސްމާޓް ލޮކް ސިސްޓަމް ހަރުކޮށްފައި ހުންނާނެ ކަމަށާއި، ސީސީޓީވީ ކެމެރާ މެދުވެރިކޮށް އަބަދުވެސް އެ ސަރަހައްދު މޮނީޓާކޮށް އިމާރާތާއި އިމާރާތް ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ އަބަދުވެސް ބަލަހައްޓާނެ ކަމަށް ހަމްބޯ ކޮމްޕެނީ އިން ބުނެއެވެ.

ހަމްބޯ ކޮމްޕެނީ އިން ބުނީ ކޭ ޕާކް ރެސިޑެންސްގެ ދެބައިކުޅަ އެއްބައި އެޕާޓްމެންޓު މިހާރު ވިކިފައިވާ ކަމަށެވެ. އެޕާޓްމެންޓު ގަންނަ އިރު 60،000 ރުފިޔާގެ ބުކިންފީ އެއް ދައްކަން ޖެހެއެވެ. އަދި ޑައުންޕޭމެންޓު ދައްކަން ހަތަރެއް ނޫނީ ފަސް މަހުގެ މުއްދަތެއް ދޭއިރު ފައިނޭންޝަލް އިންސްޓިޓިއުޝަންތައް މެދުވެރިކޮށް ފައިސާ ހަމަޖެއްސޭނެއެވެ. އެޕާޓްމެންޓުތައް ގަންނަ ފަރާތްތަކަށް ފެބްރުއަރީ މަސް ތެރޭ އެޕާޓްމެންޓުތައް ހަވާލުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަމްބޯ ކޮމްޕެނީ އިން ބުނެއެވެ.