ޖިނާއީ އެކިއެކި މައްސަލަތަކުގައި ހެކި ބަސްދިނުމަށް ކޯޓަށް ހާޒިރުކުރަންޖެހޭ މީހުންގެ ތެރެއިން ބަލި ހާލަތު ހުރި ގޮތުން ހާޒިރުނުވެވޭ މީހުންގެ ޝަރީއަތްތައް އެމީހުން ދިރިއުޅޭ ރަށްރަށުގައި ބޭއްވުމާ މެދު ކްރިމިނަލް ކޯޓުން މަޝްވަރާކުރަން ފަށައިފި އެވެ.

ކްރިމިނަލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެގޮތަށް ހަމަޖައްސަން ޖެހުނީ ހެކިންގެ ގޮތުގައި ހިމެނިފައިވާ ބައެއް ފަރާތްތަކަކީ ބަލި ހާލަތު ހުރި ގޮތުން ހިނގާ ބިނގާވެ ނޫޅެވޭ ނުވަތަ ނުކުޅެދުންތެރިކަން ހުރުމުގެ ސަބަބުން ދަތުރުފަތުރުކޮށް ހެދުމަށް ދަތިވެފައިވާ ފަރާތްތަކެއް ކަމަށެވެ.

"މީގެ ތެރޭގައި އެބައުޅޭ ހިނގާ ބިނގާވެ އުޅެން ދަތި މީހުންނާއި މުސްކުޅި ކަމުން އެހީތެރި އަކާ އެކު ނޫނީ ނާދެވޭ މީހުން ވެސް. އެއްވެސް ހާލެއްގައި މީގެތެރޭގައި ޖިނާއީ ކުށެއް ކޮށްގެން ހާޒިރުކުރަން ބޭނުންވާ މީހުންނެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި އެފަރާތްތަކުގެ އަޑުއެހުންތައް ހިމެނޭ ބައިތައް އެރަށްރަށުގައި ކުރިއަށް ގެންދެވޭނެ ގޮތަކާއި މެދު މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެކަންތައްތައް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.