އިއްޔެ ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސްފިއެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ ސީނިއާ މީޑިއާ އެންޑް ކޮމިއުނިކޭޝަން އޮފިސަރު އާޝިޔާ ސޯލިހު ވިދާޅުވީ ވަޅި ހަރައިގެން ޒަހަމްވި 29 އަހަރުގެ ފިރިހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ނެގި އެކްސްރޭ އަދި ސްކޭނުން އޭނާއަށް އިތުރު ގެއްލުމެއް ލިބިފައިވާކަން ސާފުނުވާތީ ސީޓީ ސްކޭނެއް ހެދުމަށް އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އޭނާ އައިޖީއެމްއެޗަށް ބަދަލުކުރީ އިއްޔެ އިރުއޮއްސުނު ވަގުތު ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.

އިއްޔެ ހުޅުމާލޭގައި ވަޅިން ހަމަލާދިން މީހާގެ ބުރަކަށީގެ ފަސް ތަނަކަށް ވަނީ ވަޅިން ހަމަލާ ދީފައެވެ.

އައިޖީއެމްއެޗުން ބުނީ ވަޅިހެރުމުގެ ސަބަބުން އޭނާގެ ކަނާތު ކިޑްނީއަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ވާތު ފަރާތުގައި ޕަލްމޯ އިންޖަރީއެއް ވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. "މިހާރު ޕޭޝަންޓުގެ ހާލު ސްޓޭބަލް،" ކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ.

ބުރާސްފަތު ދުވަހުގެ ރޭ އަދި ހުކުރު ދުވަހުގެ ރޭވެސް ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ވަނީ ދެ މީހަކު ޒަހަމް ކޮށްލައިފައެވެ.