ވޮޝިންޓަން (ޖުލައި 22): އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝްއަށް ފަރުވާ ދިން ހިތުގެ ޑޮކްޓަރަކަށް ބަޑިން ހަމަލާދީ މަރާލައިފި އެވެ.

ޓެކްސަސް މެޑިކަލް ސެންޓަރު ކައިރީގައި ޑރ. މާކް ހައުސްކުނެޗް، 65، މަރާލީ އޭނާ ބައިސްކަލެއް ދުއްވާފައި ދަނިކޮށެވެ. ފުލުހުން ބުނި ގޮތުގައި ޑރ. ހައުސްކުނެޗްއަށް ހަމަލާ ދިނީ ވެސް ބައިސްކަލެއް ދުއްވާފައި ދިޔަ މީހެކެވެ.

އަދި ފުލުހުން މިހާރު ދަނީ އެ ހާދިސާގެ ސީސީޓީވީ ފުޓެޖް ބަލައި، އެއީ ގަސްތުގައި ރާވައިގެން ދިން ހަމަލާއެއްތޯ ބަލަމުން ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ހައުސްކުނެޗްގެ މަރާ ގުޅިގެން ބުޝް ވަނީ ޑޮކްޓަރުގެ އާއިލާއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައިވެ އެވެ. އަދި ހައުސްކުނެޗް އަކީ ވަރަށް މޮޅު ކާޑިއޮލޮޖިސްޓެއް ކަމަށާއި އޭނާގެ ހިދުމަތަށް އަބަދު ވެސް ޝުކުރުވެރިވާނެ ކަމަށް ވިދާޅުވެފައި އެވެ.

ޑރ. ހައުސްކުނެޗް މަސައްކަތް ކުރި ހިއުސްޓަން މެތޮޑިސްޓް ހޮސްޕިޓަލުން ވަނީ އޭނާއަކީ އެހޮސްޕިޓަލުގެ މުހިއްމު މެމްބަރެއް ކަމަށް ބުނެފަ އެވެ. އަދި އޭނާ ސްޕެޝަލައިޒްވެފައި ވަނީ ކާޑިއޯވަސްކިއުލާ ބަލިތަކަށް ކަމަށާއި އޭނާ މަސައްކަތް ކުރައްވާތާ ގާތްގަނޑަކަށް 40 އަހަރު ވެދާނެ ކަމަށް ބުނެފަ އެވެ. (ރޮއިޓާސް)