ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި އަދި އަނިޔާ އާއި ދެކޮޅަށް ކުދިން ބާރުވެރިކުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭ 4000 އަށް ވުރެ ގިނަ ކުދިންނަށް "އަހަން" ކެމްޕޭންގެ ސެޝަންތައް ހިންގައިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އަހަން ކެމްޕޭންގެ ސެޝަންތައް 2016 އިން ފެށިގެން ކ،ވ،މ.ގދ، އަތޮޅުގެ ހުރިހާ ރަށަކަށް ހިންގައިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ހއ. ހދ. އަދި ށ. އަތޮޅުގެ ބައެއް ރަށްތަކުގެ އިތުރުން ފުވައްމުލަކު ސިޓީގައި ހިންގި ސެޝަންތަކާ އެކު މިހާތަަނަށް ޖުމުލް 4390 ކުދިންނަށް ސެޝަންތައް ނަގައިދެވިފައިވާ ކަަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ޖެންޑާ މިނިސްްޓްރީން މި މަހު ވެސް ފުވައްމުލަކުގައި އަހަން ޕްރޮގްރާމްގެ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް އެ ރަށުގައި ހިންގި ސެޝަންތަކުގައި 626 ކުދިން ބައިވެރިވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ކުރިއަށް ގެންދާ އަހަން ޕްރޮގްރާމްގެ ތެރެއިން-- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ޖެންޑާ މިނިސްޓްރީން ބުނީ އަހަން ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ކުޑަކުދިންގެ ހައްގުތަކަށް ރާއްޖޭގައި ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ އެޑްވޮކޭޓިން ފޯ ޗިލްރަންސް ރައިޓްސް (އާކް) އާ ގުޅިގެން ކަމަށެވެ.

އަހަން ކެމްޕޭންގެ ދަށުން ކުޑަކުދިން އެކި ބާވަތްތަކުގެ އަނިޔާއާއި އިހުލާމުން ރައްކާތެރިކުރާނެ ގޮތްތަކާއި ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭނެކަން އެނގޭ ނަމަ ނުވަތަ ޝައްކުކުރެވޭ ނަމަ އަމަލުކުރާނެ ގޮތާއި، މައްސަލަ ރިޕޯޓްކުރެވޭނެ ގޮތްތައް ކިޔައިދޭ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

އަދި އަނިޔާ ތަހައްމަލުކުރާ ކުދިންނަށް އެހީތެރިވަދިނުމަށް ޓަކައި ކުރެވިދާނެ މުހިންމު ކަންތައްތަކުގެ މައުލޫމާތު ހިއްސާކުރާ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.