22 Jul 2018, 13:15
ގއ. ގެމަނަފުށި އަދި ގއ. މާމެންދޫ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފިއެވެ.
އެންވާރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ގެމަނަފުށި އަދި މާމެންދޫގައި ނަރުދަމާ އެޅުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމްއެވެ. ރަސްމިއްޔާތުގައި ކޮންޓްރެކްޓަރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝިހާދެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެންވާރަމަންޓް މިނިސްޓަރު ތޯރިގު ވިދާޅުވީ ފެނާއި ނަރުދަމާ ރާއްޖޭގެ ރަށް ރަށުގައި ގާއިމުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ގިނަ ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި ބޮޑެތި ކާމިޔާބީތަކެއް ލިބެމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ނަރުދަމާގެ މަސައްކަތް ކުރަމުންދާއިރު ރައްޔިތުންނަށް ކޮންމެވެސްވަރެއްގެ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ. އެކަމަކު ފަހުން ދާއިމީ ފަސޭހަތަކެއް ލިބޭނެ. މި މަސައްކަތް އެސްޖޭ ކުންފުނިން އަވަހަށް ނިންމައިދޭނެ ކަމަށް އުންމީދު ކުރަން،" ތޯރިގު ވިދާޅުވިއެވެ.
ދެ ރަށުގެ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތަށް ހުށަހަޅާފައިވާ ޖުމްލަ އަގަކީ22,281,512.70އެވެ.
މި މަސައްކަތް އެސްޖޭ ކުންފުންޏާ ހަވާލުކޮށްފައިވަނީ ނުވަ މަސްދުވަހުގެ މުހުލަތެއްގައި ނިންމުމަށެވެ.