ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ރިޔާސީ އިންތިހާބުގައި ވޯޓުލާ ގޮތާ މެދު މި ހަފްތާގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ނިންމާފައި ވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރިޔާސީ އިންތިޚާބުގައި ވޯޓު ލެވޭނީ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލެއްގެ އެހީތެރިކަމާ އެކުގައި ކަމަށް ކަމަށެވެ.

ނަމަވެސް މި ނިންމުމާ މެދު އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕާޓީތަކުން ވަނީ ފާއިތުވި ހަފްތާގެ ތެރޭގައި އެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް، އިލެކްޝަންސް ކޮމިޝަނާ ވެސް ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް މިއަދު "ސަން" އަށް ވިދާޅުވީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓުލާ ގޮތާ މެދު އިލެކްޝަންސްއިން ނިންމި ނިންމުމާ ގުޅޭ ގޮތުން ބައެއް ސިޔާސީ ޕާޓީތަކުން ކަންބޮޑުން ފާޅުކޮށްފައިވާތީ އެ ނިންމުމާމެދު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އަކްރަމް ވިދާޅުވީ އެ ނިންމުމާ މެދު މަޝްވަރާކުރުމަށް ފަހު މި ހަފްތާގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

މީގެ ކުރިން އަކްރަމް ވިދާޅުވީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން އިލެކްޝަންސްގެ އޮފިޝަލުންގެ އެހީތެރިކަމާއެކު ވޯޓުލާ ގޮތައް ގަވާއިދަށް ގެނައި އިސްލާހަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޮޑެތި އިންތިޚާބުތަކުގައި ކަންތައް ކުރާ ގޮތް ދިރާސާ ކުރުމަށްފަހު ގެނައި އިސްލާހެއް ކަމަށެވެ. އަދި ވިދާޅުވީ މިގޮތަށް ގަވާއިދަށް ބަދަލު ގެނެސްފައި ވަނީ އެއްވެސް ނުފޫޒެއް ނެތި، އެ މީހަކު ބޭނުން މީހަކަށް ވޯޓުލުމަށް މަގުފަހިކުރުމަށް ކަމަށެވެ.

މީގެ ކުރިން ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން އިންތިޚާބުގައި ވޯޓުލައި އުޅުނީ އަމިއްލައަށް ގެންނަ އެހީތެރިންނާއެކު އެވެ. ގަވާއިދަށް ގެނެސްފައި ވާ އިސްލާހާ އެކު އަމިއްލައަށް އެހީތެރިއަކު ނުގެނެވޭނެއެވެ.