ގުދުސް (ޖުލައި 22): އިސްރާއީލުން ސީރިއާގެ ވައިޓް ހެލްމެޓްސްއަށް ނިސްބަތްވާ 800 މީހަކާއި އެމީހުންގެ އާއިލާ އުރުދުންއަށް ބަދަލުކޮށްފި ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެފިއެވެ.

އިސްރާއީލް ޑިފެންސް ފޯސް (އައިޑީއެފް)އިން ނެރުނު ބަޔާނެއްގައިވާ ގޮތުން އިއްޔެ އެގައުމުން ވަނީ "ސީރިއާގެ މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރުންނާއި އެމީހުންގެ އާއިލާތައް ސަލާމަތް ކުރުމަށްޓަކައި" އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.

އަދި އެއީ އެ މީހުންގެ ފުރާނައަށް ނުރައްކާވުމުގެ ސަބަބުން ކަމަށާއި އެމީހުން ވަނީ އަވަށްޓެރި ގައުމަކަށް ބަދަލުކޮށްފައި ކަމަށް އެބަޔާނުގައި ވެއެވެ. އަދި އެއޮޕަރޭޝަން ކުރިއަށް ގެންދިޔައީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ އެދުމުގެ މަތިން ކަމަށްވެސް އައިޑީއެފްއިން ބުންޏެވެ.

އިސްރާއީލުގެ މީޑިއާތަކުން ވަނީ އެއީ ވައިޓް ހެލްމެޓްސްއަށް ނިސްބަތްވާ މެމްބަރުން ކަމަށް ބުނެފައެވެ.

އެ ޖަމިއްޔާއަކީ ސީރިއާގެ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ސަރަހައްދުތަކުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އަދި 2016 ވަނަ އަހަރު އެޖަމިއްޔާ ވަނީ ނޮބެލް ސުލްހައިގެ އިނާމަށް ނޮމިނޭޓުވެފައެވެ.

އުރުދުންގެ ރަސްމީ ނޫސް އޭޖެންސީން ވަނީ، ސީރިއާގެ 800 ރައްޔިތުން ހުޅަނގުގެ ގައުމަތަކަށް ގެންދިޔުމަށް އުރުދުން މަގުން ދަތުރު ކުރުމަށް އދއަށް ހުއްދަ ދީފައިވާ ކަމަށް ބުނެފައެވެ.

އަދި ކުރިއަށް އޮތް ތިން މަސް ތެރޭ އެމީހުން އިނގިރޭސިވިލާތާއި ޖަރުމަނާއި ކެނެޑާއަށް ގެންދާނެ ކަމަށް އެގައުމުތަކުން އެއްބަސްވެފައިވާ ކަމަށް އުރުދުންއިން ބުންޏެވެ.

(ރޮއިޓާސް)