15 Sep 2011, 14:17
ދައުލަތުގެ ތިން ބާރުން ކުރެ ބައެއް ބާރުތަކުން ވަކި ސަރުކާރެއް ކަމަށް ދޭހަވާގޮތަށް އަމަލުކުރާ ކަމަށާއި ބައެއް މުއައްސަސާތަކުން "ތިމަންނާމެންނަކީ މާ ބާރުގަދަ ބައެކޭ" ދޭހަވާ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު ހަސަން އަފީފް މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށް ޔޫއެންޑީޕީން އިސްނަގައިގެން ނަސަންދުރާގައި މިއަދު ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ ޑިމޮކްރަސީ މާނަކުރުމުގައި ތިން ބާރުން ކުރެ ބައެއް ބާރުތަކުން އެއްބާރު އަނެއް ބާރުގެ މެދުގައި އޮންނަ ގުޅުންތައް ގަބޫލުނުކުރާ ކަމަށެވެ. އެއީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެޅޭ ހުރަހެއް ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
"ބައެއް މުއައްސަސާތަކުން ތިމަންނާމެންނަކީ މާ ބާރުގަދަ ބައެކޭ، މި ވިސްނުން ދޭހަވާގޮތަށް ކަންތައްތައް ކުރަމުން އަންނަކަން ފާހަގަކުރެވޭ. އެގޮތުން ނޫސް ބަޔާންތައް ވެސް ނެރޭތަން އެބަފެނޭ. މިއީ މިތަނުގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ނޫން،" އަފީފް ވިދާޅުވި އެވެ.
ޑިމޮކްރަސީއަކީ މުޖުތަމައުގެ އެންމެންގެ ހައްގުތަކަށް ހައްގުތަކަށް ވިސްނައި ހަމަހަމަކަމާ އެކު އެންމެން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ތިން ބާރު ވަކިވެފައި އޮންނައިރު އެއްވެސް ބާރަކީ އަނެއް ބާރެއްގެ މައްޗަށް ވެރިކަންކުރަންޖެހޭ ބާރެއް ނޫން ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
"ޑިމޮކްރަސީ މާނަކުރުމުގައި އެހެން މީހުންނަށް ލިބިފައިވާ ހައްގުތަކަކީ އެހެން އޮންނަ އެއްޗެއް ނޫން ކަމަކަށް ގަބޫލެއް ނުކުރޭ. މުއައްސަސާތަކުން މިގޮތަށް ދެކޭތީ މިކަމާ ހިތާމަކުރަންޖެހޭ،" އަފީފް ވިދާޅުވި އެވެ.
އޭނާ ވަނީ އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާއަށްވެސް ފާޑުވިދާޅުވެފަ އެވެ. އެގޮތުން "އަދުލު އިންސާފު ލިބުނު ކަމަށް ގަބޫލުކުރެވޭނީ، އިންސާފު ލިބޭ ގޮތަށް އެމުއައްސަސާ އިން ވެސް އަމަލުތަށް ކޮށްގެން" ކަމަށެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ވެސް އަފީފް ވަނީ ގޮވާލައްވައިފަ އެވެ. އަދި އަންހެނުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވުމަށްވެސް އަފީފް އަންހެނުންނަށް އިލްތިމާސްކުރެއްވި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް މަރިޔަމް އަޒުރާ ޝަރަފުވެރި ކޮށްދެއްވި އެ ޖަލްސާގައި ވަނީ މަދަނީ ޖަމްއިއްޔާތަކުގެ ދައުރާ ގުޅޭ ރިޕޯޓެއް ވެސް އާންމުކޮށްފަ އެވެ. އަޒުރާ ވިދާޅުވީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެންމެން ގުޅިގެން ރަހުމަތްތެރިކަމާއި އެއްބައިވަންތަކަމާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"މައްސަލަތައް ކުރިމަތިވުމުން ނަފްރަތު އުފެދޭނެ ބަސްތަކާއި އަމަލުތަކުން ދުރުހެލިވެ ސުލްހަވެރި އަމާން މުޖުތަމައެއް ގާއިމްކުރުމަށް މަޝްވަރާގެ ރިވެތި އުސޫލް އަޅުގަނޑުމެން އިސްކުރަން ޖެހޭ. މާފަށް އެދުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ނޫން. އެއީ ޑިމޮކްރަސީއެއްގައި މަސައްކަތްކުރުމަށް އެކަށޭނެ ހައްލުތަކެއް ހޯދޭނެ ކަމެއް. ރައްޔިތުންނާ ދޭތެރޭ ނިންމާ ނިންމުންތައް ވަރަށް ޒިންމާދާރުކޮށް ނިންމަންޖެހޭ. އަދި އެ ނިންމުންތަކުގައި ރައްޔިތުންގެ މަޝްވަރާ ވެސް ހޯދަން ޖެހޭ،" އަޒުރާ ވިދާޅުވި އެވެ.
ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި މިއަދު ވަނީ ސުކޫލްތަކުގެ މެދުގައި ބަހުސް މުބާރާތެއްވެސް ބާއްވާފަ އެވެ.