22 Jul 2018, 11:24
ޔުނިވާސަލް ރިސޯޓްސް އިން ރ. ފާރުފުށީގައި ތަރައްގީކުރަމުން އަންނަ ރިސޯޓް، ޑިސެންބަރު މަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.
"ފާރުފުށި މޯލްޑިވްސް"ގެ ނަމުގައި ހުޅުވާ މަތީ ފެންވަރުގެ ރިސޯޓަށް ގެސްޓުން އަންނަން ފަށާނީ ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ.
ފާރުފުށި އިންވެސްޓްމަންޓްސްގެ ދަށުން، ޔުނިވާސަލް އިން އަލަށް ހުޅުވަން ތައްޔާރުވެފައިވާ ރިސޯޓުގައި 80 ވިލާ ހުންނާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފޫލް ހިމެނޭ 39 އޯޝަން ރިޓްރީޓް، 27 ބީޗް ރިޓްރީޓް، 10 ބީޗް ބަންގަލޯ، ތިން އޯޝަން ސުއިޓް އަދި އައިލެންޑް ރެސިޑެންސެކެވެ.

ފާރުފުށި: މި ރިސޯޓުގައި 80 ވިލާ ހުންނާނެ.-- ފޮޓޯ: ޔުނިވާސަލް
ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނިން ހުޅުވާ ރިސޯޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތަކުގެ ކާނާގެ ބާވަތްތައް ލިބޭ ފަސް ރެސްޓޯރެންޓުގެ އިތުރުން ބާ ހުންނާނެ އެވެ.
މަތީ ފެންވަރުގެ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ފާރުފުށީގައި ޗުއްޓީ ހޭދަކުރާ މީހުންނަށް ވޯޓާ ސްޕޯޓްސްއާއި ޑައިވިން، ސްޕާ އަދި އެހެނިހެން ގިނަ ރެކްރިއޭޝަނަލް ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ.
ޔުނިވާސަލް އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޓޫރިޒަމް ވިޔަފާރި ފެށި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. އެގޮތުން މިހާރު އެ ކުންފުނިން އަންނީ ރާއްޖޭގައި މަތީ ފެންވަރުގެ އަށް ރިސޯޓް ހިންގަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރިސޯޓް ކަމަށްވާ ކުރުނބާ މޯލްޑިވްސް ހިމެނެއެވެ.