22 Jul 2018, 11:17
ޖަޕާނުގައި އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން 30 މީހުން މަރުވެ އެތައް ބަޔަކު ހޮސްޕިޓާތަކުގައި އެޑްމިޓް ކޮށްފިއެވެ.
އާދަޔާ ހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ޖަޕާނުގައި މިހާތަނަށް 30 މީހުން މަރުވެފައިވާއިރު، ހީޓް ސްޓްރޯކް ޖެހި ގާތްގަނޑަކަށް 10000 މީހުން މިހާތަނަށް އެޑްމިޓްކޮށްފައިވާ ކަމަށް "ދަ ޖަޕާން ޓައިމްސް" އިން ވަނީ ރިޕޯޓު ކޮށްފައެވެ.
ޖަޕާނުގެ ބައެއް ސަރަހައްދުތަކުގެ ފިނިހޫނުމިން 40.7 ޑިގްރީ ސެލްސިއަސް އަށް އެރި ކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އެއީ ފާއިތުވި ފަސް އަހަރު ތެރޭގައި އެގައުމުގައި ފިނިހޫނުމިން އެންމެ މައްޗަށް ދިޔަ ފަހަރެވެ.
މީގެ އިތުރުން ޖަޕާނުގެ ކިޔޯޓޯގައި ފިނިހޫނުމިން 38 ޑިގްރީ ސެލްސިއަސްގައި ހުންނަތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.
ފާއިތުވި ހަފްތާގެ ތެރޭގައި އުމުރުން ހަ އަހަރުގެ ކުއްޖަކު ވެސް ވަނީ ހީޓް ސްޓްރޯކެއް ޖެހިގެން މަރުވެފައެވެ. އެ ކުއްޖާގެ މަރަށް ފަހު ޖަޕާނުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތައް އެލާޓަށް ގެނެސްފައެވެ.
ހޫނު ގަދަވުމުގެ ސަބަބުން ޖަޕާނުގައި 30 މީހުން މަރުވެފަވާއިރު މީގެ މަހެއްހާ ދުވަސް ކުރިން އެގައުމުގެ ހުޅަނގުގެ ސަރަހައްދުތަކުގައި ފެންބޮޑުމުގެ ސަބަބުން 218 މީހުން ވަނީ މަރުވެފައެވެ.