22 Jul 2018, 10:40
އެމެރިކާއަށް އެތެރެކޮށް ވިއްކާ ޗައިނާގެ ހުރިހާ މުދަލަކުން ޓެކްސް ނަގަން ތައްޔާރު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާއިން މިހާރު ވެސް ގެންދަނީ ޗައިނާއިން އެ ގައުމަށް އެތެރެކުރާ 34 ބިލިޔަން ޑޮލަރުގެ މުދަލުން 10 ޕަސެންޓު ޓެކްސް ނަގަމުނެނެވެ.
ޗައިނާ އެތެރެކުރާ ހުރިހާ މުދަލަކުން ޓެކްސް ނަގަން ތައްޔާރު ކަމަށް ޓްރަމްޕް ވިދާޅުވީ ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައެވެ. އެ އިންޓަވިއުގައި ޓްރަންޕް ވިދާޅުވީ، ޗައިނާ އިން އެމެރިކާ އަށް އެތެރެކުރާ 500 ބިލިޔަން ޑޮލަރުގެ މުދަލުން ޓެކްސް ނަގަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ޓްރަންޕް އެހެން ވިދާޅުވި އިރު، މި މަސް ނިމެންވާއިރު ޗައިނާ އިން އެމެރިކާ އަށް އެތެރެކުރާ 50 ބިލިޔަން ޑޮލަރުގެ މުދަލުން ޓެކްސް ނަގަން އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. އަދި އޮގަސްޓް މަހުގެ ތެރޭގައި އެ އަދަދު 200 ބިލިޔަން ޑޮލަރަށް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ.
ޗައިނާ އިން ގެންގުޅޭ ވިޔަފާރީގެ ސިޔާސަތުތަކާ މެދު ޓްރަމްޕް ހިތްހަމަޖެހިވަޑައިނުގެން، އެ ގައުމުގެ އުފެއްދުންތަކުން ޓެކްސް ނަގަން ފެށީ މާޗް މަހު އެވެ. އޭރު ޓެކްސް ނެގީ ޗައިނާއިން އެމެރިކާއަށް އެތެރެކުރާ ތިން ބިލިޔަން ޑޮލަރުގެ މުދަލުންނެވެ. ނަމަވެސް ޖުލައި މަހު، އެ އަދަދު 34 ބިލިޔަން ޑޮލަރަށް އިތުރު ކުރީ އެވެ.
އެމެރިކާއިން ޓެކްސް ނަގަމުން އަންނަ މިންވަރަށް ޗައިނާއިން ވެސް އަންނަނީ އެ ގައުމަށް އެތެރެކުރާ އެމެރިކާގެ މުދަލުން ޓެކްސް ނަގަމުންނެވެ.
އެމެރިކާއިން ޗައިނާއިން އެތެރެކުރާ މުދަލުން ޓެކްސް ނަގަން ފެށީ އެ ގައުމުން ގެންގުޅެ ވިޔަފާރީގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާ ކުންފުނިތަކަށް ބިލިޔަން ޑޮލަރުން ގެއްލުން ވަމުން އަންނަ ކަމަށް ބުނެއެވެ.
ނަމަވެސް އެމެރިކާގެ ގިނަ ކުންފުނިތަކުން މިކަމާ ދެކޮޅެވެ. ކުންފުނިތަކުން ބުނާ ގޮތުގައި ޗައިނާ އާ އެކު "އިގްތިދާސީ ހަނގުރާމަ"އެއް ފެށުމަކީ އެ ގައުމުން ގެންގުޅޭ ސިޔާސަތުތައް ބަދަލުކުރާނެ ކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން އެމެރިކާގެ އިގްތިސާދު ހީނަރުވެދާނެ ކަމަށާއި، އިގްތިސާދަށް ނުރަނގަޅު އަސަރެއް ކޮށްފިނަމަ ކުންފުނިތަކަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށް ބައެއް ކުންފުނިތަކުން އަންނަނީ ބުނަމުންނެވެ.