22 Jul 2018, 09:18
މިދިޔަ ޖޫން މަހު ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕަންސީ ހުރީ 43 ޕަސެންޓްގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޭޕްރިލް މަހުން ފެށިގެން ރިސޯޓްތަކުގެ އޮކިއުޕަންސީ ދަނީ ދަށްވަމުންނެވެ. އަހަރުގެ މެދުތެރެއަކީ އާއްމުކޮށް ރާއްޖޭގެ ޓޫރިޒަމް ދަށް ދުވަސްވަރެކެވެ.
މިދިޔަ މަހު ރިސޯޓުތަކުގެ އޮކިއުޕަންސީ 43 ޕަސެންޓަށް ދަށްވި ނަމަވެސް އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.3 ޕަސެންޓްގެ ކުރިއެރުމެކެވެ.
ޓޫރިސްޓުން ރިސޯޓުތަކުގެ އެނދު ބޭނުންކޮށްފައިވާ ނިސްބަތް 63.4 ޕަސެންޓަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 2.3 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި އެ މުއްދަތުގައި އެވްރެޖްކޮށް ޓޫރިސްޓަކު ރާއްޖޭގައި 6.5 ދުވަސް ހޭދަކޮށްފައިވެ އެވެ.
ޓޫރިސްޓުން ބޭތިއްބުމަށް ޓޫރިޒަމް މިނިސްޓްރީގައި މިދިޔަ މަހުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ 42،806 އެނދުގެ ތެރެއިން އެވްރެޖްކޮށް 41،209 އެނދު އޮޕަރޭޓް ކޮށްފައިވެއެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅައިބަލާއިރު ދިހަ ޕަސެންޓް އިތުރުވެފައެވެ.