ވޮޝިންގްޓަން(ޖުލައި 22): އިންސާނީ ހައްގުތަކާބެހޭ އދ.ގެ ކައުންސިލަށް އެމެރިކާއިން ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.

އެމެރިކާގެ ހަރުކަށި ވިސްނުމުގެ ބޭފުޅެއްކަމަށްވާ އދ. ގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބު ނިއްކީ ހޭލީ ވިދާޅުވީ އިންސާނީ ހައްގުތަކާބެހޭ އދ.ގެ ކައުންސިލަކީ ސިޔާސީ ވިސްނުމެއްގައި މަސައްކަތްކުރާ އަޚްލާގީ ގޮތުން ފަސާދަވެފައިވާ ހަރުކަށި އަދި ނޭއްގާނި މުއައްސަސާއެއް ކަމުގައެވެ. އަދި އެމުއައްސަސާއަކީ ދުނިޔެއަށް އޮތް ހުތުރެއްކަމަށާ އެއީ އދ. ގެ ނާކާމިޔާބީގެ އަސްލު ކަމަށްވެސް ނިއްކީ ހޭލީ ސިފަކުރެއްވިއެވެ.

ވޮޝިންގްޓަންގައި ހުންނަ އެމެރިކާގެ ހެރިޓޭޖް ރީސާޗް ސެންޓަރުގައި ދެއްވި ލެކްޗާ އެއްގައި ނިއްކީ ވިދާޅުވީ އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލަކީ ސިޔާސީ މަގްސަދުތަކެއްގައި ގައުމުތަކުގެ އިންސާނީ ހައްގުތަކަށް ފާޑުކިޔައި ގައުމުތައް ބޭޒާރު ކުރުމުގެ ސިޔާސީ ކުޅިގަނޑެއް ކުޅޭ މުއައްސަސާއެއްކަމަށާއި އެ ތަނުގެ މެންބަރުކަމުން އެމެރިކާ ވަކިވީ އެހެންވެގެން ކަމުގައެވެ.

ނަމަވެސް ނިއްކީގެ ލެކްޗާ އަށްފަހު ނޫސްވެރިންނާއި ލެކްޗާ އަޑުއަހަން ތިބި މީހުންވަނީ ނިއްކީގެ ވާހަކަތަށް ގަބޫލުނުކުރެވޭ ކަމަށްބުނެ އޭނާއާ ވަރުގަދަ ސުވާލުތަކެއް ކުރިމަތިކޮށްފައެވެ. މީގެތެރޭގައި އިންސާނީ ހައްގުތަކާބެހޭ އދ.ގެ ކައުންސިލުން އެމެރިކާ ވަކިވީ އެމެރިކާއާއި އިސްރާއީލުން ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކާއި ލާއިންސާނީ ޖަރީމާތަކަށް އެކައުންސިލުން ފާޑުކިޔައި އެދެގައުމު ކުށްވެރިކޮށް ބަޔާންތައް ނެރޭތީއާއި އެކައުންސިލަށް ބާރާއި ނުފޫޒު ފޯރުވުމަށް އެމެރިކާ ކުރި މަސައްކަތްތައް ނާކާމިޔާބުވެ ގޮތް ހުސްވެގެންކަން ސުވާލުކުރި ފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ.

އެމެރިކާއަކީ ބައިނަލްއަގްވާމީ މުޖްތަމައުގައި ޚުދު މުޚްތާރުކޮށް އަމަލުކުރަމުންގެންދާ ގައުމެއްކަމަށާއި އެމެރިކާ ބޭނުންވަނީ އދ.ގެ ސަލާމަތީ މަޖލިސްފަދަ ވީޓޯކުރުމުގެ ބާރު ލިބިފައިވާ ޚުދު މުޚްތާރު މުއައްސަސާއަކަށް އިންސާނީ ހައްގުތަކާބެހޭ އދ.ގެ ކައުންސިލް ހެދުންކަމަށްވެސް ނިއްކީ އާ ސުވާލުކުރި ފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ. މި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ނިއްކީ ނުކުޅެދި ވަޑައިގެންނެވިއެވެ.

ދެހާސް ހަވަނަ އަހަރު އުފެއްދި އިންސާނީ ހައްގުތަކާބެހޭ އދ.ގެ ކައުންސިލުން އެމެރިކާ ވަކިވީ އިސްރާއީލު ކުށްވެރިކޮށް ބަޔާންތައް ނެރޭކަމަށްބުނެ މީގެ ދޮޅުމަހެއްހާ ދުވަސްކުރިންނެވެ. ނަމަވެސް އިސްރާއީލުގެ އިތުރުން އިންސާނީ ހައްގުތަކުގެ މައްސަލާގައި އެމެރިކާއަށާއި ޔޫރަޕްގެ ގައުމުތަކަށާ އަދި އެހެން ގައުމުތަކާ ދެކޮޅަށްވެސް އެކައުންސިލުން ބަޔާންތައް ނެރެއެވެ. ނަމަވެސް އެކައުންސިލަކީ އަދަބު ދިނުމުގެ ބާރު ލިބިފައިނުވާ ކައުންސިލެއް ކަމުން އަޚްލާގީ ބާރެއް ފިޔަވައި އިތުރު ބާރެއް އެކައުންސިލަށް ލިބިފައެއް ނުވެއެވެ.

އެމެރިކާވަނީ އިސްރާއީލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ބަސްބުނާތީ އދ.ގެ އެހެން މުއައްސަސާއެއްކަމަށްވާ ޔުނެސްކޯ އިންވެސް ދާދިފަހުން ވަކިވެފައެވެ. އަދި ޔުނެސްކޯއަށް ދޭ ފައިސާގެ މިންވަރުވެސް އެމެރިކާވަނީ 75 އިންސައްތައަށް ކުޑަކޮށްލާފައެވެ. އިންސާނީ ހައްގުތަކާބެހޭ އދ.ގެ ކައުންސިލަކީ 47 މެންބަރުން (ގައުމު) ހިމެނޭ ކައުންސިލެކެވެ. އެކައުންސިލަށް މެންބަރުން ހޮވަނީ އދ.ގެ އާންމު މަޖިލީހުގައި ނަގާ ވޯޓަކުންނެވެ. އެހެންކަމުން އެކައުންސިލަށް ބާރާއި ނުފޫޒު ފޯރުވުމުގެ ފުރްސަތު އެމެރިކާއަކަށް ނޯވެއެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާވަނީ އދ.އަށް ދޭ ހިއްސާގެ މިންވަރުވެސް ދެބައިކުޅަ އެއްބައަށް ކުޑަކޮށްފައެވެ. އަދި ބައިނަލްއަގްވާމީ އެތަށް މުއާހަދާއަކުންވެސް އެމެރިކާ ވަނީ ވަކިވެފައެވެ. މީގެތެރޭގައި ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ ޕެރިސް މުއާހަދާއާއި ވިޔަފާރީގެ މުއާހަދާތަކާއި އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމާބެހޭ އެއްބަސްވުންވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން އެމެރިކާދަނީ ބައިނަލްއަގްވާމީ މުޖްތަމައުގައި އެކަހެރިވެ ބާކީވަމުންނެވެ.

އދ.އަށް ދޭ ފައިސާގެ މިންވަރު މަދުކުރުމުން އެމެރިކާގެ ބާރާއި ނުފޫޒުވެސް އދ.ގައި ދަނީ ކުޑަވަމުންނެވެ. ވޯޓު ނަގައިގެން އދ.ގެ މުއައްސަސާއަކުން ފާސްކުރާ އެއްވެސް ގަރާރެއް އެމެރިކާ ބޭނުންވާ ގޮތަށް ފާސްނުވުމަކީ މިކަމުގެ ހެއްކެކެވެ.

އެމެރިކާ ވަނީ 1980ގެ އަހަރުތަކުގައިވެސް ޔުނެސްކޯ އިން ވަކިވެފައެވެ. އަދި 1990 ގެ އަހަރުތަކުގައި އަލުން ޔުނެސްކޯ އަށް ވަނުމަށްފަހު މިއަހަރުތެރޭގައި އެމެރިކާ އަނެއްކާ އެމެރިކާ މިވަނީ ޔުނެސްކޯ އިން ވަކިވެފައެވެ.

މީގެއިތުރުން އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ދުނިޔޭގެ ގައުމުތަކާ ދެކޮޅަށް ބުލީކޮށް ބިރު ދެއްކުމުގެ ސިޔާސަތެއް ގެންގުޅޭކަމުގެ ތުހުމަތުވެސް އެމެރިކާގެ މައްޗަށްވަނީ ކުރެވިފައެވެ. (ނޫސްއެޖެންސީތައް)