ސަރުކާރުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ބަޣާވާތްކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ހުވަދު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެއަތޮޅު ކޮލާމާފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ އިއްޔެ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޑރ. ޝަހީމް ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް އެކަންކަން ހައްލުކުރުމުގެ ނަމުގައި ބަޣާވާތްކޮށްގެން ސަރުކާރު ވައްޓާލަން އުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ބޭރުގެ ފަރާތްތައް މެދުވެރިކޮށް ރާއްޖެއަށް ފިއްތުންތައް ކުރިމަތިކުރުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން އެތަކެއް ގެއްލުމެއް ދިވެހި ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

ސަރުކާރު ވައްޓާލަން އެއްވެސް ފުރުސަތެއް ދިވެހި ރައްޔިތުން ދީގެން ނުވާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ބޭރު ގައުމުތަކުގެ ނުފޫޒާއި ފިއްތުންތައް ކުރިމަތިވި ބައެއް އިސްލާމީ ގައުމުތަކަށް ދިމާވި ހިތްދަތި ކަންތައްތަކުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

"ކޮންމެވެސް ސަބަބުތަކާ ހުރެއޭ ކިޔާފައި އެ މީހުން ބޭނުންވަނީ ސަރުކާރު ވައްޓާލަން. އެހެންވީމަ އެ ފުރުސަތު ދިވެހި ރައްޔިތުން ދީގެން ނުވާނެ. އަޅުގަނޑުމެން އަޑު އެހީމު ދެއްތޯ އިރާގުގެ ވާހަކަ. އިރާގަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ ކޮން ކަމެއްތޯ. މިއަދު އިރާގަށް ވެފައި އޮތްގޮތް ބަލައިލުމުން ވަރަށް ރަނގަޅަށް އެކަން ދޭހަވާނެ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ފިޔަވަޅު އަޅަން އުޅޭ ކަމަށް ބުނަމުން އަންނައިރު، ރާއްޖޭގެ ތަރައްގީގައި އެ އިއްތިހާދުގެ ހިއްސާ ވަރަށް ކުޑަ ކަމަށެވެ. ރާއްޖޭގެ ތަރައްގީއަށް ބޮޑު އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އަރަބި އިސްލާމީ ގައުމުތަކުން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"އަރަބި އިސްލާމީ ގައުމުތަށް އަދިވެސް ތިބީ ދިވެހީންނާ އެކު. އަދުގެ ސަރުކާރާ އެކު،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުދޭ އިރު ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ ކަމަށާއި ދިވެހީން ބޭނުންވަނީ ތަރައްގީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކެމްޕޭން ދަތުރުފުޅުގައި ޑރ. ޝަހީމް ހުވަދުއަތޮޅަށް ފުރާވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގަތީ ގއ. އަތޮޅުގެ ވެރިރަށް ވިލިނގިއްޔަށެވެ. އެރަށުގެ ގެތަކަށް ދޮރުން ދޮރަށް ވަޑައިގެން ޑރ. ޝަހީމް ވަނީ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

ޑރ. ޝަހީމްގެ އަރިހުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނާއި ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.