ރާއްޖޭގެ ބައެއް ރަށްތަކަށް އުދައަރާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރ (މެޓް) އޮފީހުން އިލްތިމާސްކޮށްފިއެވެ.

މިރޭ 08:00 އިން ފެށިގެން މާދަމާ ހެނދުނު 08:00ގެ ނިޔަލަށް މޫސުން ލަފާކުރާގޮތާ ބެހޭގޮތުން މެޓް އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން، ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުންނެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވެ ދިޔަވަރުބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުންވެސް ޙާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.