ތެހެރާން (ޖުލައި 21) : އީރާނުގެ ތެޔޮ އެކްސްޕޯޓް ނުކުރެވޭނަމަ ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް އެއްވެސް ގައުމެއްގެ ތެޔޮ ބޭރު ނުކުރެވޭނެ ކަމަށް އީރާނުގެ ދީނީ މުރްޝިދު އަޔާތުﷲ އަލީ ޚަމަނާއި ވިދާޅުވެއްޖެއެވެ.

އީރާނުގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާ އެކު ތެހެރާންގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަ ދައްކަވަމުން ޚަމަނާއި ވިދާޅުވީ އެމެރިކާއާއި އެމެރިކާގެ އައުވާނުން މަސައްކަތްކުރަނީ އީރާން އިނދަޖައްސާލުމަށްޓަކައި އެގައުމުގެ ތެޔޮ އެކްސްޕޯޓްކުރުން ސުމަކަށް ގެނައުމަށް ކަމަށާއި ނަމަވެސް އެއީ އެމެރިކާއާއި އެމެރިކާގެ އައުވާނުންނަށް ކުރެވޭނެ ކަމެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އީރާނުގެ ތެޔޮ އެކްސްޕޯޓް ނުކުރެވޭ ހާލަތަކަށް ހިނގައްޖެނަމަ ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް އެއްވެސް ގައުމެއްގެ ތެޔޮ ބޭރުކުރުމުގެ ފުރުސަތު އީރާނުން ނުދޭނެ ކަމަށް ޚަމަނާއި ވިދާޅުވިއެވެ.

މީގެކުރިން އީރާނުގެ ރައީސް ޑރ. ހަސަން ރޫހާނީވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ. މިދިޔަ ހަފްތާގައި ރޫހާނީ ވަނީ އީރާނުގެ ތެލުގެ އެކްސްޕޯޓް އާއި ގަލްފުގެ އެހެން ގައުމުތަކުގެ ތެލުގެ އެކްސްޕޯޓާ ގުޅުއްވައި ވާހަކަ ދައްކަވާފައެވެ. މިގޮތުން އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓުމަކަށް އައިސްފި ހާލަތެއްގައި ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް އެއްވެސް ގައުމެއްގެ ތެޔޮ ބޭރު ނުކުރެވޭނެ ކަމުގެ އިންޒާރު ހޫރާނީ ވަނީ ދެއްވާފައެވެ.

އީރާނުގެ އިސް ޖެނެރަލަކުވެސް ވަނީ އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓުމަކަށް އައިސްފި ހާލަތެއްގައި ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ބަންދުކުރާނެކަމުގެ އިންޒާރު ދެއްވާފައެވެ. މިއިންޒާރާ ގުޅިގެން އެމެރިކާ ވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.

އެމެރިކާއަށް ވާގިވެރިވާ ގަލްފުގެ އަރަބި ގައުމުތަކުން އެކްޕޯޓްކުރާ ތެލުގެ 70 އިންސައްތަ އެކްސްޕޯޓް ކުރަނީ ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެއްވެސް ސަބަބަކާ ނުލައި އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުން ވަކިވެ އީރާނާ ދިމާކުރުމުގެ އައު ސިޔާސަތެއް އިއްލާންކުރައްވާފައެވެ.

މިސިޔާސަތު ބިނާކޮށްފައިވަނީ އީރާނުގެ ތެޔޮ ގަންނަ ގައުމުތަކާ ދެކޮޅަށް ފިޔަވަޅުއަޅައި އީރާން އިގްތިސާދީ ގޮތުން އިނދަ ޖައްސާލުމުގެ މައްޗަށެވެ. ނަމަވެސް އީރާނުން ތެޔޮގަތުން ހުއްޓާނުލާނެކަން އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ ތިން ގައުމު ކަމަށްވާ ތުރުކީ، އިންޑިޔާ އަދި ޗައިނާއިން ކަށަވަރުކޮށްދިނުމާއެކު އީރާނުގެ ތެލުގެ އެކްސްޕޯޓް އެމެރިކާއަށް ހުއްޓުވިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. (ނޫސްއެޖެންސީތައް)