21 Jul 2018, 19:50
ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއާއި ނަވާ ހައްޖު ގްރޫޕް ގުޅިގެން މަސްވެރިންނަށް ހާއްސަކޮށްގެން އުމްރާ ޕެކޭޖެއް ތައާރަފްކޮށްފިއެވެ.
އުމްރާ ޕެކޭޖާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ މުއައްސިސް އަހުމަދު ޝާފިއުއެވެ. އަދި ނަވާ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާޝިދެވެ.
@Gemasverinsigned MOU with @nawamv for a special UMRA package for#fishermenin#Maldives@sunbrk@Mihaarunews@raajjemv@VaguthuOnlinepic.twitter.com/4uspvS3p7G
— Gemanafushi Masverin (@Gemasverin)July 21, 2018
އުމްރާ ދަތުރާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާގެ މުއައްސިސް އަހުމަދު ޝާފިއު ވިދާޅުވީ މިއީ ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކަން އިތުުރުކުރުމުގެ ގޮތުން ތައާރަފްކުރި ޕެކޭޖެއް ކަމަށެވެ.
ޝާފިއު ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ހުޅުވާލާފައިވާ ޕެކޭޖެއް ކަމަށާއި އެ ޕެކޭޖުގައި ބައިވެރިވާ ފަރާތްތަކުން އުމްރާ ދަތުރަށް ދައްކަން ޖެހޭނީ 16999 ރުފިޔާ ކަމަށެވެ. އަދި ބާކީ 3001 ރުފިޔާ ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއިން ދައްކައިދޭނެ ކަަމަށްވެސް ޝާފިއު ވިދާޅުވިއެވެ.
އެ ޕެކޭޖްގެ ދަށުން މަސްވެރިންނަށް އެމީހުންގެ ބަދަލުގައި އަނބިދަރީންގެ އިތުރުން މައިންބަފައިން ވެސް ފޮނުވޭނެ ކަމަށް ޝާފިއު ވިދާޅުވިއެވެ.
އެ ޕެކޭޖްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއަށް އެޕްލިކޭޝަންތައް އީމެއިލް ކުރުމަށް އެ ޖަމިއްޔާއިން އެދެއެވެ. އޭގެ އިތުރުން ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާގެފޭސްބުކް ޕޭޖުންމިހަފްތާގެ ތެރޭގައި އެޕްލިކޭޝަން ފޯމް ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.