15 Sep 2011, 13:20
ދިރާގު ދިވެހި ލީގު ތިން ވަނަ ބުރުގައި ރޭ ވެލެންސިއާގެ މައްޗަށް 2-0 ލަނޑުން ވިކްޓަރީ ކުރި ހޯދައި އެއް ވަނާގައި އޮތް ވީބީ އާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަ ކޮށްފި އެވެ. އާދަޔާ ހިލާފު މޮޅު ކުޅުމެއް ވިކްޓަރީގެ ފަރާތުން ފެނިގެންދާނެ ކަމަށް ބެލެވުނު މިމެޗުގައި އެޓީމުގެ މެދުތެރެއިން މާއެދެވޭ ކުޅުމެއް ފެނިފައެއް ނުވެ އެވެ.
މެޗުގެ 11 ވަނަ މިނެޓުގައި ވިކްޓަރީ އަށް ލީޑު ހޯދުމަށް ހުސް ފުރުސަތެއް ލިބިފައި ވެ އެވެ. ހުސެން ޝިމާޒު (ކޮކީ) އޭރިޔާ ތެރެއިން ދިން ބޯޅައިގެ ބޭނުން ފައުޒާން ހަބީބަށް ފައިދާ ހުރި ގޮތެއްގައި ހިފިފައެއް ނުވެ އެވެ. އޭގެ މިނެޓެއް ފަހުން ކޮކީ ވަނީ ވެލެންސިއާގެ ގޯލު ހުޅުވައިދީފަ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އިބްރާހިމް ފަޒީލް (އޮއްޕޮ) އަށް ވިކްޓަރީއަށް ލީޑު ފުޅާކޮށްދިނުމަށް ފުރުސަތެއް ލިބުނެވެ. އޮއްޕޮ އުފެއްދި އެހަމަލާ އިފްރާހް ދިފާއުކުރުމުން ނުކުތް ބޯޅަ ކޮކީ އަށް ލިބުނު ނަމަވެސް އުފެއްދި ހަމަލާގެ ހުރަހަކަށްވީ ވެލެންސިއާ ކެޕްޓަން ރިލްވާން ވަހީދު އެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ވިކްޓަރީއަށް ދެލަނޑުގެ ލީޑެއް ހޯދައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. އެލަނޑު އޮއްޕޮ ޖެހީ ވިކްޓަރީ އަށް ލިބުނު ހިލޭ ޖެހުމަކުންނެވެ. އޭގެ ދެމިނެޓު ފަހުން އޮއްޕޮ އަށް ވަނީ އިތުރު ގޯލެއް ޖެހުމަށް ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އެ ހަމަލާ ގޯލާއި އަމާޒުވެފައެއް ނުވެ އެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-0 ލަނޑުން ވިކްޓަރީ ކުރީގައި އޮވެގެންނެވެ.
މިމެޗުން ވިކްޓަރީ މޮޅުވުމުން އެޓީމު ވަނީ ލީގުގެ އެއް ވަނާގައި އޮތް ވީބީ އާއި ތިން ޕޮއިންޓް ގާތަށް ޖެހިލާފަ އެވެ. ނަމަވެސް އެއީ ވިކްޓަރީ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ލީގުގެ ތިންވަނާގައި އޮތް ނިއު އާއި ހަތަރުވަނާގައި އޮތް މާޒިޔާ ޕޮއިންޓުގެ ގޮތުން އެއްވަރެވެ. ނިއު ކުރީގައި 16 ފައިދާ ގޯލާ އެކު އުޅޭއިރު މާޒިޔާއަށް ފައިދާ ގޯލުގެ ގޮތުގައި ލިބިފައި ވަނީ އެންމެ ހަތަރު ގޯލެވެ. ފަސްވަނާގައި އޮތް ވެލެންސިއާ އާއި ހަވަނާގައިވާ އީގަލްސް އާ ދެމެދު ވަނީ އެއްޕޮއިންޓުގެ ތަފާތެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ، ވިކްޓަރީގައި މޯޓިވޭޝަންގެ މައްސަލަތަކެއް އުޅޭ ކަމަށާއި އެކަން ރަނގަޅުކޮށް ލިބޭ ފުރުސަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ވެސް ވިސްނަންޖެހޭ ކަމަށެވެ. ނިއު މެޗަށްފަހު ލީގުގައި އޮންނާނެ ހިސާބެއް އެނގިގެންދާނެ ކަމަށް ވެސް ކޯޗު ސުޒޭން ބުންޏެވެ.
"ޓީމުގައި މޯޓިވޭޝަނުގެ މައްސަލަތަކަކެއް އެބަހުރި. އަދި ފުރުސަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފޭ މައްސަލަ އެބައުޅޭ. މިކަންތައްތައް ރަނގަޅު ކުރަން އެބަޖެހޭ. ދެން އަހަރެމެން އެންމެ ބޮޑަށް ވިސްނާނީ ނިއު އާއި ދެކޮޅަށް ނުކުންނަ މެޗަށް. މިމެޗަށް ފަހު ލީގުގައި ވިކްޓަރީ އޮންނާނެ ހިސާބެއް އެނގޭނެ. ވެލެންސިއާގެ ކުޅުން ވެސް ގޯހެއް ނޫން." ވިކްޓަރީގެ ކޯޗު ސުޒޭން ބުންޏެވެ.
މިމެޗުގައި ވެލެންސިއާގެ ފުރަތަމަ އެގާރައިން އާންމުކޮށް ފެންނަ ގިނަ ކުޅުންތެރިންތަކެއް ސަސްޕެންޝަންގެ ސަބަބުންނާއި އަނިޔާގެ ސަބަބުން ފެނިފައެއް ނުވެއެވެ. މިކުޅުންތެރިންތަކާއި ނުލާ ވެލެންސިއާ އިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް އެކުލަބުގެ މެނޭޖަރު އަބްދުﷲ ޝިބާ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.
"މުހިންމު ގިނަ ކުޅުންތެރިތަކެއް ނެތި ކުޅުނު މިމެޗުން ވެލެންސިއާ އިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ. ޒުވާން ކުޅުންތެރިންނާ އެކު ޓީމު އެކުލަވާލަން ވަގުތު ނަގާނެ." ވެލެންސިއާގެ މެނޭޖަރު ޝިބާ ބުންޏެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ ހަތަރު ވަނާގައި އޮތް މާޒިޔާއާއި ހަވަނާގައި އޮތް އީގަލްސް އެވެ. މިރޭ 9:00 ގައި ކުޅޭ މިމެޗުން މާޒިޔާ މޮޅުވެއްޖެ ނަމަ އެޓީމު ލީގުގެ ތިން ވަނައަށް ޖެހިލާނެ އެވެ. މާޒިޔާ އިން އެއްވަނާގައި އޮތް ވީބީ އާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުން މޮޅުވީ 2-0 ލަނޑުންނެވެ.