ހުޅުމާލޭގައި އަނެއްކާވެސް މީހަކަށް ވަޅިން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނިން ބުނީ ވަޅިން ހަމަލާދީގެން ގެނައި 29 އަހަރުގެ ފިރިހެނަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހަވީރު 4:30 ހާއިރު ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެއެވެ.

އޭނާގެ ހާލު ސީރިއަސް ނޫން ކަމަށާއި އޭނާގެ ބުރަކަށީގެ ފަސް ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.

"މިހާރު ޕޭޝަންޓް އޮތީ އޮބްޒަވޭޝަންގައި. އެކްސްރޭ ނެގުމަށްފަހު އިތުރު ފަރުވާ ބޭނުންވޭތޯ ޑޮކްޓަރުން ދަނީ ބައްލަވަމުން،" އާސަންދަ ކުންފުނީގެ ސީނިއާ މީޑިއާ އެންޑް ކޮމިއުނިކޭޝަން އޮފިސަރު އާޝިއާ ސޯލިހު ވިދާޅުވިއެވެ.

މިއަދު ހުޅުމާލޭގައި މީހަކަށް ވަޅިން ހަމަލާދިން ހާދިސާގެ ތަފްސީލެއް ފުލުހުން ދީފައިނުވި ނަމަވެސް، އެ ހާދިސާ ހިނގިކަން ވަނީ ކަށަވަރުކޮށްދީފައެވެ.

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ރޭވެސް ވަނީ ޒުވާނަކު ޒަހަމް ކޮށްލައިފައެވެ. އޭނާގެ ގައިގެ ހަތް ތަނަކަށް ހަމަލާދީފައިވާއިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ބުރާސްފަތި ދުވަހުވެސް ހުޅުމާލޭގައި ވަނީ ޒުވާނަކަށް ވަޅިން ހަމަލާދީފައެވެ. މި މައްސަލަތަކުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.