ބްރެޒިލްގައި މިހާރު ކުރިއަށްދާ ނޭމާ ޖޫނިއާސް ފައިވްގައި ރާއްޖެއިން ވާދަކުރަމުންދާ ކްލަބު ޓީނޭޖުން ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސް، މުުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކޮށްފިއެވެ.

ކޮލިފައިން ބުރުތަކަކަށްފަހު މިހާރު ބްރެޒިލްގައި ކުރިއަށްދާ ނޭމާ ޖޫނިއާސް ފައިވްގެ ފައިނަލް ބުރުގައި ޖުމްލަ 60 ގައުމަކުން ވާދަކުރެއެވެ. މުބާރާތް ކުރިއަށް ދަނީ 60 ގައުމެއް 12 ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ފަސް ގައުމެކެވެ.

ޖުމްލަ 12 ގްރޫޕުން 32 ޓީމުން ނޮކްއައުޓް ބުރަށް ދަތުރުކުރާ އިރު، ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނައަށް ޔަގީންކަމާއެކު ގަދަ 32 އަކަށް ދެވޭނެއެވެ. އަދި ބާކީ އަށް ޓީމަކީ 12 ގްރޫޕްގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާތައް ހޯދާ ތިންވަނަ ޓީމުތަކެވެ.

ރާއްޖޭގެ ޓީމުން ރައުންޑް އޮފް 32ގައި ނުކުންނާނީ، ސްވިޓްޒަލޭންޑާ ދެކޮޅަށެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނިފައި ވަނީ ގްރޫޕް ކޭގައެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް އިއްޔެ ކުޅެފައިވާ އިރު، ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ރާއްޖެ ވަނީ ދެ މެޗު ކާމިޔާބުކޮށްފައެވެ. އަނެއް މެޗުން އެއްވަރުވި އިރު، ބަލިވީ އެންމެ މެޗަކުންނެވެ.

ފުރަތަމަ މެޗުގައި ރާއްޖެއިން މޮރިޝަސް ބަލިކުރީ 5-1ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުގައި 2-0ގެ ނަތީޖާއަކުން އަލްޖީރިއާވެސް ބަލިކުރި އިރު، ރާއްޖެ ބަލިވީ ހަމައެކަނި ސައުތު އެފްރިކާ އަތުންނެވެ. ސައުތު އެފްރިކާ އަތުން ރާއްޖެ ބަލިވީ 5-0ގެ ނަތީޖާއަކުންނެވެ.

ފަހު މެޗުގައި 0-0ގެ ނަތީޖާއަކުން ޔުކުރެއިންއާ އެއްވަރުކޮށްފައިވާ އިރު، ރާއްޖެއަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ގްރޫޕްގެ އެއްވަނައަށް ސައުތު އެފްރިކާ ދިޔަ އިރު، ދެވަނަ ލިބުނީ ޔުކްރެއިންއަށެވެ. ރާއްޖެ ނޮކްއައުޓަށް ދިޔައީ އެންމެ މޮޅު ތިންވަނަ ޓީމުތަކުގައި ހިމެނިގެންނެވެ.

ނޭމާ ޖޫނިއާސް ފައިވް މުބާރާތަކީ ތަފާތު ފޯމެޓެއްގެ ދަށުން ކުރިއަށް ގެންދާ މުބާރާތެކެވެ. މުބާރާތުގެ ކޮންމެ މެޗަކީވެސް 10 މިނެޓަށް ކުރިއަށްދާ މެޗެކެވެ. މުބާރާތުގައި ކުޅުމަށް ކީޕަރެއް ބޭނުމެއް ނުވާނެއެވެ. އަދި މުބާރާތުގެ ގަވާއިދުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ ގޯލައެއް ޖަހާއިރަށް އިދިކޮޅު ޓީމުން ކުޅުންތެރިއަކު މަދުވުމެވެ. އަދި މުބާރާތުގެ ގަވާއިދު ބުނާގޮތުން 10 މިނެޓް ކުރިން އިދިކޮޅު ޓީމުގެ ކުޅުންތެރިން ހުސްކޮށްލާ މެޗު ނިންމާލެވިދާނެއެވެ.

ދެ ޓީމު އެއްވަރުވެގެން ނިމިއްޖެނަމަ، ނަތީޖާ ކަނޑައަޅާނީ ދެ ޓީމުންވެސް އެއް ކުޅުންތެރިއެއް އަރައި، ދެމީހުންގެ މެދުގައި މެޗެއް ކުޅުމަށްފަހުއެވެ.

މިއަހަރުވެސް ރާއްޖޭގެ އަށް ސަރަހައްދެއްގައި ނޭމާ ޖޫނިއާސް ފައިވްގެ ކޮލިފިކޭޝަން ކުރިއަށް ގެންގޮސްފައިވާ އިރު، ޗެމްޕިއަންކަން ހޯދީ ކްލަބު ޓީނޭޖެވެ. ކްލަބު ޓީނޭޖަކީ އޭގެ ކުރީ އަހަރުވެސް ޗެމްޕިއަން ޓީމެވެ.

ކްލަބު ޓީނޭޖުން ވަނީ މިދިޔަ އަހަރުގެ ނޭމާ ޖޫނިއާސް ފައިވްގެ ގްރޫޕް ސްޓޭޖު ފަހަނައަޅާ ނޮކްއައުޓަށް ދަތުރުކޮށްފައެވެ. ނޮކްއައުޓުން އެ ޓީމު ކެޓީ ޖަޕާނާ ވާދަކޮށްގެންނެވެ.

ރާއްޖެ ތަމްސީލު ކުރާ ކްލަބު ޓީނޭޖް ޓީމުގައި ހިމެނެނީ އިބްރާހީމް ނާޝިދު، މުހައްމަދު ރިއްފަތު، ނިއު ރޭޑިއަންޓްގެ ރިހާމް އަބްދުލްޣަނީ (ބޮބީ)ގެ އިތުރުން ހުސައިން ޝަރީފް (އޮންލީ)، އަޔާޒް އަހުމަދު، ކްލަބު އީގަލްސްގެ އިބްރާހީމް މުބީން (މުއްކި) އަދި އިސްމާއީލް ފާތިހެވެ.