15 Sep 2011, 12:55
ތުރުކީގެ ޓްރަބްޒަންސްޕޯގެ ޗެމްޕިއަންސް ލީގުގެ ހަޔާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ، ރަށުން ބޭރުގައި 2009 ވަނަ އަހަރުގެ ޗެމްޕިއަން އިންޓަމިލާނު ސިއްސުވާލައިފި އެވެ. މިމެޗުން 1-0 ލަނޑުން ބަލިވި އިންޓަމިލާނު ގުރޫޕް ބީ ގެ ފުލަށް ވެއްޓު އިރު މޮޅުވި ޓްރަބްޒަންސްޕޯ ވަނީ އެއްވަނަ އަށް ޖެހިލާފަ އެވެ.
އިންޓަމިލާނުން މޮޅު ކުޅުމެއް ދައްކަމުން އައި މިމެޗުގެ ކުރީކޮޅު ނުރައްކާތެރި ހަމަލާތައް އުފައްދާފައި ވެ އެވެ. މިލާނުގެ ސެންސީރޯ ދަނޑުގައި ކުޅެމުން އައި މިމެޗުގައި ސްނެއިޑާ ފަދަ މޮޅެތި ކުޅުންތެރިން އުފައްދަމުން ދިޔަ ހަމަލާތަކުގެ ހުރަހަކަށް ވެފައި ވަނީ ޓްރަބްޒަންސްޕޯގެ ކީޕަރު ޓޮލްގާ ޒެންގިން އާއި އެޓީމުގެ ޑިފެންޑަރުން ނެވެ.
މިމެޗުގެ ފުރަތަމަ ހާފު 0-0 ން ނިމުމުން ޕްރެޝަރެއް ނެތި ކުޅެމުން އައި އިންޓަމިލާނު ހާސްކަމުގެ ތެރެއަށް ވެއްޓުނީ މެޗުގެ 76 ވަނަ މިނެޓުގައި ޓްރަބްޒަންސްޕޯ އިން ޖެހި ލަނޑުގެ ސަބަބުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީ ލީޑް ނަގައިދިނީ ޗެކް ރިޕަބްލިކު ޑިފެންޑަރު އޮންޑްރެޖް ޗެލުސްޓްކާ އެވެ.
ގްރޫޕް ބީގައި ކުޅުނު އަނެއް މެޗުގައި ސީއެސްކޭއޭ މޮސްކޯ އާއި ލިލޭ ބައްދަލުކުރި މެޗު ނިމުނީ 2-2 ލަނޑުން އެއްވަރު ވެގެންނެވެ. ލިލޭއަށް މެޗުގެ 45 ވަނަ މިނެޓުގައި މޫސާ ސޯ އާއި މެޗުގެ 57 ވަނަ މިނެޓުގައި ބެނޮޓް ޕެޑްރެޓީ ކާމިޔާބު ކޮށްދިން ދެލަނޑުން ލީޑް ލިބިފައިވަނިކޮށް، ފަހަތުން އަރާ މެޗުގެ 72 ވަނަ މިނެޓުގަ އާއި އެންމެ ފަހު މިނެޓުގައި ސީއެސްކޭއޭ މޮސްކޯއަށް ސޭޑޫ ޑުމްބިއާ ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
ގްރޫޕް ސީގައި އިނގިރޭސި ޗެމްޕިއަނުން ކުޅުނު މެޗުން ބެންފީކާ އަތުން ބަލިވަމުން ދަނިކޮށް ސަލާމަތް ކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ރަޔަން ގިގްސް އެވެ. ބެންފީކާއަށް މެޗުގެ 24 ވަނަ މިނެޓުގައި ޕެރަގުއޭ ފޯވާޑް އޮސްކާ ކާޑޯޒޯ ލީޑް ނަގައިދީފައި ވަނިކޮށް މެޗުގެ 42 ވަނަ މިނެޓުގައި ގިގްސް ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.
މިގްރޫޕުގައި ކުޅުނު އަނެއް މެޗު އޮޓެލުލް ގަލަޓީ ގެ މައްޗަށް އަމިއްލަ ދަނޑުގައި 2-1 ލަނޑުން ކުރި ހޯދުމަށްފަހު ތިން ޕޮއިންޓާ އެކު އެފްސީ ބާސެލް ވަނީ އެއްވަނަ އަށް ޖެހިލާފަ އެވެ. ބާސެލް އަށް މެޗުގެ 39 ވަނަ މިނެޓުގައި ފަބިއަން ފްރޭ ކާމިޔާބު ކޮށްދިން ލަނޑާ އެކު މެޗުގެ އެއް ވަނަ ހާފް ނިންމާލި އިރު، މެޗުގެ 58 ވަނަ މިނެޓުގައި މާރިއުސް ޕެނާ ވަނީ އޮޓެލުލް ގަލާޓީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ 84 ވަނަ މިނެޓުގައި ގަލަޓީ އަށް ލިބު ޕެނަލްޓީއަކުން އެލެކްސެންޑާ ފްރޭ ލަނޑެއް ކާމިޔާބުކޮށް އަލުން ލީޑް ހޯދައިދިނެވެ.
ގްރޫޕް އޭގައި ނަޕޯލީ އާ ދެކޮޅަށް މެންޗެސްޓާ ސިޓީން ކުޅުނު މެޗު އަމިއްލަ ދަނޑުގައި ބަލިވަމުން ދަނިކޮށް ސަލާމަތްކޮށް ދިނީ ޑިފެންޑަރު އެލެކްސެންޑާ ކޮލަރޯވް އެވެ. މެޗުގެ 69 ވަނަ މިނެޓުގައި އެޑިންސަން ކަވާނީ ނަޕޯލީ އަށް ލީޑު ހޯދައިދީފައި ވަނިކޮށް ކޮލަރޯވް ނަތީޖާ ހަމަހަމަކުރީ މެޗުގެ 74 ވަނަ މިނެޓުގައި މެން ސިޓީއަށް ލިބުނު ހިލޭ ޖެހުމަކުންނެވެ. މިމެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.
މިގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ބެޔާން މިއުނިކު ވަނީ ވިލަރެއާލް އަތުން ފަސޭހަކަމާ އެކު މޮޅު ވެފަ އެވެ. ބެޔާން މިއުނިކުން ކާމިޔާބުކުރި ދެގޯލުގެ ތެރެއިން ފުރަތަމަ ގޯލު މެޗުގެ ހަތް ވަނަ މިނެޓުގައި ޓޯނީ ކްރޫޒް ކާމިޔާބުކޮށްދިން އިރު ފަހު ލަނޑު މެޗުގެ 76 މިނެޓުގައި ކާމިޔާބުކޮށްދިނީ ރަފިންހާ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-0 ލަނޑުން ކުރީގައި އޮތީ ރަށުން ބޭރުގައި ކުޅެމުންދިޔަ ޖަރުމަނުގެ ބެޔާން މިއުނިކެވެ.
ގްރޫޕް ޑީގައި އަޔެކްސް އާއި ލިޔޯން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި ނިމިފައިވާއިރު ޑައިނަމޯ ޒަގްރެބާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އާޖެންޓީނާ ތަރި އެންޖަލް ޑި މަރިއާ އެވެ. މިނަތީޖާގެ ސަބަބުން ރެއާލް މެޑްރިޑު ވަނީ މިގްރޫޕުގެ އެއްވަނަ އަށް ޖެހިލާފަ އެވެ.