ނިއު ދިއްލީ:އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ އިތުބާރު ނެތްކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ 12 ގަޑިއިރުގެ ބަހުސަށް ފަހު ނާކާމިޔާބުވެއްޖެއެވެ.

އެމައްސަލަ ހުށަހަޅާފައި ވަނީ މަޖިލީހުގެ 50އަށް ވުރެ ގިނަ މެމްބަރުންގެ ތާއިދާއެކުގައެވެ. އޭގެ ތެރޭގައި ކޮންގްރެސް ޕާޓީ، ނެޝަނަލިސްޓު ކޮންގްރެސް ޕާޓީ އަދި ސަމަޖްވާދީ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ހިމެނެއެވެ.

ހުކުރު ދުވަހު، ލޮކް ސަބާ (ތިރިގެ)ގައި ބޭއްވި ބަހުސުގައި ބޮޑު ވަޒީރު މޯދީ ވަނީ 90 ވަރަކަށް މިނިޓްވަންދެން، އިދިކޮޅު ފަރާތްތަކަށް ރައްދުދެއްވުމާއި، އޭނާގެ ސަރުކާރުގެ ދިފާއުގައި ވާހަކަފުޅު ދައްކަވައިފައެވެ.

މަޖިލީހުގެ ތިރިގޭގެ އިއްޔެގެ ބައްދަލުވުމުގައި 451 މެންބަރުން ހާޒިރުވެވަޑައިގެންނެވި އިރު، މޯދީގެ ވާހަކަފުޅަށް ފަހު ނެގި ވޯޓު، ސަރުކާރާ އެއްކޮޅަށް ނިމުނީ 199 ވޯޓުގެ ތަފާތުންނެވެ.

މޯދީގެ ސަރުކާރުގެ އިތުބާރު ނެތްކަމަށް ނެގި ވޯޓާ ދެކޮޅަށް 325 މެންބަރުން ވޯޓު ދެއްވި އިރު، މައްސަލައާ އެއްކޮޅަށް ވޯޓު ދެއްވީ 126 މެންބަރުންނެވެ.

ވޯޓުގެ ކުރީން މޯދީ ދެއްކެވި ވާހަކަފުޅުގައި، އޭނާ ވަނީ، އިދިކޮޅު ޕާޓީ، އިންޑިއަން ނޭޝަނަލް ކޮންގްރެސްގެ ރައީސް ރާހުލް ގާންދީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރާހުލް ގާންދީއާއި އޭނާގެ މަންމާފުޅު ސޯނިއާ ގާންދީއަށްވެސް ބަހުގެ ހަމަލާތަކެއް ދެއްވައިފައެވެ.

މޯދީ ވިދާޅުވީ، ކޮންގްރެސްއިން ވެރިކަމަށް އަންނަން މަސައްކަތްކުރަނީ މާ އަވަހަށް ކަމަށާއި، އޭނާ އިންތިޚާބުކުރި ރައްޔިތުން އޭނާއާ ހަވާލުކޮށްފައިވާ ދައުރު ހަމަވަންދެން ކެތްތެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިއީ ހަތަރު އަހަރުވެފައިވާ މޯދީގެ ސަރުކާރާ ދެކޮޅަށް، އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގި ފުރަތަމަ ފަހަރެވެ. އަދި ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖުޕާއީގެ ސަރުކާރާ ދެކޮޅަށް 2003 ވަނަ އަހަރު އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގި ފަހުން، އެގައުމުގެ ސަރުކާރަކާ ދެކޮޅަށް މިފަދަ ވޯޓެއް ނެގި ފުރަތަމަ ފަހަރުވެސްމެއެވެ.