ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރުގެ ޕޫނޭ އެޕާޓްމަންޓުގައި ކުއްޔަށް ދިރިއުޅުނު އަންހެނަކު ރަންބީރާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އިންޑިއާގެ ޕޫނޭގެ ކަލްޔަނީ ނަގަރްގައި ހުންނަ ރަންބީރުގެ އެޕާޓްމަންޓް ޝީތަލް ސޫރިޔަވަންޝީ އަށް ކުއްޔަށް ދޫކުރީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

ރަންބީރާ ދެކޮޅަށް ޝީތަލް ކޯޓަށް މައްސަލަ ހުށަހަޅައިފައި ވަނީ އެގްރީމެންޓާ ޚިލާފުވި ކަމަށް ބުނެއެވެ. ޝީތަލް ބުނީ އޭނާ ގެއިން ނުކުތުމަށް އަންގައިފައި ވަނީ އެގްރީމެންޓުގައި ބުނެފައިވާ ތާރީޚަށް ވުރެ މާ އަވަހަށް ކަމަށާއި އެކަމުގެ ސަބަބުން އޭނާ އާއި އޭނާގެ އާއިލާއަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުން 50.40 ލައްކަ ރުޕީޒް ހޯދުމަށް ވެސް އޭނާ ވަނީ ދައުވާ ކޮށްފައެވެ.

ޝީތަލް އެޕާޓްމަންޓް ކުއްޔަށް ހިފީ ޑެޕޮސިޓްގެ ގޮތުގައި 24 ލައްކަ ރުޕީޒް ދެއްކުމަށްފަހު، ފުރަތަމަ އަހަރު ކުލީގެ ގޮތުގައި މަހަކު ހަތަރު ލައްކަ އަދި ދެވަނަ އަހަރު ކުލީގެ ގޮތުގައި މަހަކު 4.20 ލައްކަ ރުޕީޒް ދައްކާ ގޮތަށް އެއްބަސްވެގެންނެވެ.

އެ މައްސަލަ ޕޫނޭ ސިވިލް ކޯޓުގައި މިހާރު ކުރިއަށް ދާއިރު، ގެއްލުމުގެ ބަދަލެއްގެ ގޮތުން 50.40 ލައްކަ އަދި އިންޓްރެސްޓްގެ ގޮތުގައި 1.08 ލައްކަ ރުޕީޒް ހޯދުމަށް ޝީތަލް ވަނީ ދައުވާ ކޮށްފައެވެ.

މީގެ ކުރިން ރަންބީރު ވަނީ އޭނާ އާދެކޮޅަށް ކޮށްފައިވާ ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކޮށްފަ އެވެ. އަދި ރަންބީރު ވަނީ މައްސަލައިގައި އޭނާގެ ބަޔާން ވެސް ކޯޓަށް ހުށަހަޅައިފައެވެ.