21 Jul 2018, 00:53
ހުޅުމާލޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި ސީރިއަސް ޒަހަމްވި ޒުވާނާ މަރުވެއްޖެ އެވެ.
އެ ޒުވާނާ މަރުވެފައިވަނީ އެކްސިޑެންޓުގައި ލިބުނު އަނިޔާ ތަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މަރުވީ އުމުރުން 18 އަހަރުގެ ފިރިހެނެކެވެ.
އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ހުޅުމާލޭ ބޭރުމަގުން ދުއްވާފައި ދަނިކޮށް ބަމްޕަރެއް މަތިން ކަހާލައިގެން ވެއްޓިގެން ކަމަށް އެ ޒުވާނާގެ ގާތް މީހަކު "ސަން" އަށް ކިޔައިދިނެވެ.
"އޭނަގެ ކަންފަތުންނާއި ނޭފަތުން އަދި ސިކުޑިން ވެސް ލޭ އައިސްފައިވާ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ. އެ ހޮސްޕިޓަލުން މާ ލަނުންނޭ އޭނަ އެ ހޮސްޕިޓަލަށް ގެނެސްފައި ވަނީ،" މަރުވި ޒުވާނާގެ ގާތް މީހަކު ކިޔައިދިނެވެ.
އެކްސިޑެންޓު ހިނގުމުން އޭނާ އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އިތުރު ފަރުވާ އަށް އޭނާ ޓްރީޓޮޕޕަށް ބަދަލު ކުރީ މިރޭ 10:30 ހާއިރު އެވެ.
އެކްސިޑެންޓުވި ޒުވާނާ އަކީ ރޭސިން ގުރޫޕެއްގައި ރޭސް ޖަހަންވެސް އުޅޭ މީހެކެވެ.