ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ސްކޫލްތަކުގެ ދަރިވަރުންނަށް އިއްޔެ ހާއްސަ ސުވާލުކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި އެވެ.

މި ޕްރޮގްރާމްގައި މާލޭގެ 14 ސްކޫލެއްގެ ގްރޭޑް 8 އަދި 9 ގައި ކިޔަވަމުން ގެންދާ 56 ދަރިވަރުން ބައިވެރިވި ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ. އަދި އެ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ޖަލްސާކުރާ މާލަން ދައްކާލައި، ރައްޔިތުންގެ މަޖިލީހާ ގުޅޭ މައުލޫމާތައް ދަރިވަންނަށް ދިނެ އެވެ.

މިއަދު ފާހަގަ ކުރަމުންދާ ޑިމޮކްރަސީ ދުވަހާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދިނުމަށް “ޑިމޮކްރަސީ ދުވަސް – ދަރިވަރުންގެ ފޯރަމް 2011″ ގެ ނަމުގައި ފޯރަމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް މަޖިލީހުން ބުންޏެވެ. އަދި އެ ފޯރަމްގައި ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އަށް މެންބަރަކު އެ ފޯރަމްގައި ބައިވެރިވިވަޑައިގެންނެވި ކަމަށް ބުންޏެވެ. އެ ފޯރަމްގެ ރެކޯޑިންގް މިރޭ އެމްއެންބީސީ ވަން އިން 9:00 އިން 10:00 އަށް ފޮނުވުމަށް ހަމަޖެހިފައިވެ އެވެ.