31 May 2010, 14:44
19:00
ހާބަރު ސަރަހައްދުގައި ހުރި ފިހާރައެއްގެ ވެރިމީހާ އަށް ތޫނު އެއްޗަކުން ހަމަލާދީ ދޮޅު ލައްކަ އެއްހާ ރުފިޔާ ފޭރިގަނެގެން ބަޔަކު ފިލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ ރޭ 11:30 ހާއިރު އޭނާ ފިހާރަ ބަންދުކޮށްފައި ނުކުތް ވަގުތު އެތަނަށް ދިޔަ ގުރޫޕަކުން، އެމީހާ އަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ފަހު ކަމަށެވެ. އެހެންނަމަވެސް ފިހާރައިގެ މީހާ އަށް މާބޮޑު ސީރިއަސް އަނިޔާތަކެއް ވެފައިނުވާ ކަމަށާއި ހަމައެކަނި ހަމަލާދީފައިވަނީ އެނަގެ ފަޔަށް ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އެމައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅެއްނުވެ އެވެ.
މީގެ އިތުރުން ވެސް ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްގެ އޮފީސް ފަޅާލާ އެތަނުން ފައިސާތަކެއް ވަގަށް ނަގާފައިވާ މައްސަލަ އެއް ބަލަމުންދާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑައިބެޓީސް ސޮސައިޓީގެ އޮފީސް ފަޅާލާ އެތަނުން ބައިލައްކައަށް ވުރެ ގިނަ ފައިސާ ލެޕްޓޮޕާ އިލެކްޓްރޯނިކް ބައެއް ސާމާނު ވެސް ވަނީ ވަގަށް ނަގާފަ އެވެ.