20 Jul 2018, 21:21
ރާއްޖޭގެ މެދު ތެރެއަށާއި ދެކުނުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާއިން ބުނެފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މެދު ތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އުތުރުގެ އަތޮޅުތަކަށްވެސް ވިއްސާރަ ކުރާނެ ކަމަށާއި ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށް މެޓުން ބުނެއެވެ.
މެޓުން ބުނީ ކުރިއަށް އޮތް ދެތިން ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި، ހާއްސަކޮށް ދެކުނާއި މެދުތެެރޭގެ، ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓުން ބުނެއެވެ.