ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާއިރު ދައްކަންޖެހޭ ފީ 5000 ރުފިޔާ އިން 15000 ރުފިޔާއަށް ބޮޑުކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

އިންތިހާބާ ބެހޭ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

މިދިޔަ ހަފްތާގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މަޖިލީހަށް ކުރިމަތިލާ ފީ 15000 ރުފިޔާއަށް ބޮޑުކުރަން ފާސްކޮށްފައިވަނީ ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މަޖިލީހަށް ކުރިމަތިލާ ފީ 15000 ރުފިޔާއަށް ބޮޑުކުރި ސަބަބެއް ކަމަށް ބުނެފައިވަނީ އިންތިހާބު ތަކަކީ މިނިވަން އަދި އިތުބާރުކުރެވޭ އިންތިހާބު ތަކަކަށް ހެދުމެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ބަހައްޓަން ޖެހޭ ޑިޕޮސިޓްވެސް 40،000 ރުފިޔާ އިން އެއް ލައްކަ ރުފިޔާއަށް ބޮޑުކުރާ ގޮތަށްވެސް މަޖިލީހުން ވަނީ އިންތިހާބާ ބެހޭ ގާނޫނަށް ބަދަލު ގެނެސްފަ އެވެ.

އިންތިޚާބާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން ބޭރު ގައުމެއްގެ ރައްޔިތަކަށް ވެފައިވާނަމަ އެމީހަކު ބޭރު ރައްޔިތުކަން ދޫކޮށްލިތާ މަދުވެގެން ދިހަ އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އިންތިޚާބާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހާއި، ބޭރު ގައުމުތަކުގެ ހިމާޔާތް ހޯއްދަވައިގެން އުޅުއްވާ ބޭފުޅުންނަށް ރިޔާސީ އިންތިޚާބުގައި ބައިވެރިނުވެވޭ ގޮތަށް އެ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހު މަޖިލީހުން މިހާރު ވަނީ ފާސްކޮށްފަ އެވެ.