މި އަހަރުގެ ކުރީކޮޅު ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ކަމާ ހަވާލުވި، އާޖެންޓީނާގެ ޑިއޭގޯ ކުރުސިއާނީ، ކޯޗް ކަމުގެ މަގާމުން މިއަދު ވަކިކޮށްފި ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް )އެފްއޭއެމް( އިން ބުނެފި އެވެ.

އެފްއޭއެމް އިން މިއަދު މެންދުރު ކުރީގައި ނެރުނު ކުރު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ގައުމީ ޓީމަށް އައު ކޯޗެއް ހޯދުމަށް ނިންމާފައިވާ ކަމަށާއި، މިވަގުތު ޓީމުގައި ހުރި ޤައުމީ ހެޑްކޯޗާއި އެކު ވެފައިވާ އެއްބަސްވުން އުވާލާފައިވާ ކަމަށެވެ. އަދި މިކަން ނިންމާފައި ވަނީ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީން ކަމަށް ވެސް އެބަޔާނުގައި ބުނެފައިވާއިރު، މިކަމުގެ އިތުރު މައުލޫމާތުތަށް މީޑިއާއަށް ހިއްސާކުރާނެ ކަމަށް ވެސް އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކޯޗް ކަމުން ކްރުސިއާނީ ވަކިކުރިކަން މިއަދު އެފްއޭއެމް އިން ކަށަވަރު ކޮށްދީފައިވާއިރު، އޭނާ ވަކިކުރި ސަބަބެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ. އެހެންނަމަވެސް ނަން ނުޖެހުމަށް ޝަރުތުކޮށް، އެފްއޭއެމްގެ އިސްބޭފުޅަކާ ހަވާލާދީ ދިވެހި ގައުމީ ޓީމްގެ ކުޅުންތެރިއަކު ބުނީ، ކްރުސިއާނީ އެމަގާމުން ވަކިކުރީ ވަކިބައެއްގެ ނުފޫޒުން ކަމަށެވެ.

"އެފްއޭއެމްގެ ތެރޭގައި ވަރަށް ނުފޫޒް ބޮޑު. ހަމަ އެގޮތަށް އެތެރޭގެ މައްސަލަތަށް ވެސް ވަރަށް ބޮޑު" އޭނާ ބުންޏެވެ.

ކުރިސިއާނީ ކޯޗް ކަމުން ވަކިކުރިކަމަށް އެފްއޭއެމް އިން ލިޔުމަކުން އެނގުނު ނަމަވެސް، އެއިދާރާގެ އިސްބޭފުޅެއްގެ ބަހެއް އަދި ލިބިފައި ނުވާއިރު، މިދިޔަ މަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓުމާ ގުޅިގެން ކްރުސިއާނީ އަށް ވަނީ ގިނަ ފާޑުކިއުންތަކެއް އަމާޒުވި އެވެ. އެކަމަކު އޭރު އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވިދާޅުވީ ގައުމީ ޓީމުގެ ނަތީޖާތަކާ މެދު ހިތްހަމަޖެހޭ ކަމަށާއި އަދި ކޯޗު މަގާމުން ވަކިކުރަން ނުވިސްނާ ކަމަށް ބުނެ، އިތުރު އެސިސްޓަންޓް ކޯޗެއް ގައުމީ ޓީމަށް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ވެސް ބުނެފަ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ފަހު ކްރުސިއާނީއަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން މިމަހުގެ ކުރީ ކޮޅު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސް ކޮންފަރެސް ގައި އޭނާ ވިދާޅުވީ، ޓީމާ ބެހޭގޮތުން ފެތުރުނު ވާހަކަތަކަކީ ދޮގުވާހަކަތަކެއް ކަމަށާއި ގޭމްސްއަށް ގޮސް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ތިބެން ޖެހުނީ ވަރަށް ހާލުގައިކަމަށެވެ.

އަދި އެމުބާރާތުގައި ކުރުސިއާނީ އަށް ހެދުނު އެންމެ ބޮޑު ގޯހަކީ ޓީމާއި ދުރުގައި ހުރުން ކަމަށް ހުދު އޭނަވެސް އެއްބަސްވެފައި ވާއިރު، ފުރަތަމަ މެޗަށް ފަހު ކުޅުންތެރިންނަށް ފަރިތަކުރާނެ ދަނޑެއް ނުލިބޭކަމަށް ވެސް އެދުވަހުގެ ނިއުސްކޮންފަރެންސްގައި ކޯޗު ބުނެފައި ވެއެވެ.

އިންޑިއަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ފުޓުބޯޅަ ޓީމު ގުރޫޕް ސްޓޭޖުގެ ފުރަތަމަ ދެމެޗުން އެއްވަރުވި ނަމަވެސް ފަހު މެޗުގައި ޝީޝެލްސްއާ ވާދަކޮށް 5-1 ގެ ބޮޑު ތަފާތަކުން ވަނީ ބަލިވެފައެވެ.

ކްރުސިއާނީގެ އިރުޝާދުގެ ދަށުން ރާއްޖެ ފުރަތަމަ ފަހަރަށް އޭއެފްސީ ޗެލެންޖް ކަޕަށް ވެސް ވަނީ ކޮލިފައިވެފައެވެ.