20 Jul 2018, 20:54
އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ހުންނަ އިކުއެޑޯގެ އެމްބަސީގައި ހިމާޔަތް ހޯއްދަވައިގެން ހުންނެވި ވިކިލީކްސްގެ ބާނީ ޖޫލިއާން އަސާންޖް އިނގިރޭސިވިލާތުގެ ސަރުކާރާ ހަވާލުކުރަން އިކުއެޑޯގެ ސަރުކާރުން ނިންމާފައިވާ ކަމަށް ރަޝިއާގެ ދުވަހު ނޫހެއް ކަމަށްވާ ރަޝީއާ ޓުޑޭ (އާރުޓީ) އިން ބުނެފިއެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ ގިނަ ސިއްރުތަކެއް ފަޅާއަރުވާލި ވިކިލީކްސްގެ ބާނީ ޖޫލިއާން އަސާންޖް 2012 އިން ފެށިގެން ހިމާޔަތް ހޯއްދަވައިގެން ހުންނަވަނީ އިކުއެޑޯގެ އެމްބަސީގައެވެ.
އާރުޓީގެ ޗީފް އެޑިޓަރު މާގަރީޓާ ސިމޮންޔޮން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަސާންޖް އިނގިރޭސިވިލާތުގެ ސަރުކާރާ ކުރިއަށްއޮތް މަދު ހަފްތާތަކެއްގެ ތެރޭގައި ހަވާލުކުރަން ތައްޔާރުވަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ޓުވީޓު ވިކިލީކްސްއިން ވެސް ފަހުން ވަނީ ރީޓުވީޓް ކޮށްފައެވެ.
Editor-in-chief of RT: "My sources tell me that@JulianAssangewill be handed over to the#UKin the next weeks or days. Like never before I wish that my sources are wrong''https://t.co/rvN3ne3ifd
— WikiLeaks (@wikileaks)July 20, 2018
އެންމެ ފަހުން އިކުއެޑޯގައި އިންތިހާބުވެޑައިގަތް ރައީސް ލެނިން މޮރީނޯ އިނގިރޭސިވިލާތަށް ދާދި ފަހުން ކުރެއްވި ދަތުރުފުޅާ ގުޅިގެން އަސާންޖް އިނގިރޭސިވިލާތާ ހަވާލުކުރަން އުޅޭކަމަށް ވަރަށް ބޮޑަށް ވަނީ އަޑުފެތުރިފައެވެ.
އިނގިރޭސިވިލާތުގެ މީޑީއާތަކުން ބުނީ، އަސާންޖް ހަވާލުނުކޮށްފިނަމަ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން އިކުއެޑޯއަށް ދޭން ހަމަޖައްސާފައި އޮތް ލޯނުވެސް ހުއްޓުވާނެކަމުގެ އިންޒާރު އިނގިރޭސިވިލާތުން ދީފައިވާ ކަމަށެވެ.
އަސާންޖް އާއި އިކުއެޑޯއާ އޮންނަ ގުޅުން ވެސް ފަހަަކަށް އައިސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން އެމްބަސީން އަސާންޖަށް ފޯރުކޮށްދެމުން އައި އިންޓަނެޓްވެސް ދާދި ފަހުން ވަނީ ކަނޑާލައިފައެވެ.