ހަކުރު ބަލީގައި ދުނިޔޭގެ ގައުމުތަކުން އަހަރަކު ހަތަރު މިލިޔަން މީހުން މަރުވާކަމަށް އިންޓަރނޭޝަނަލް ޑައިބެޓީސް ފައުންޑޭޝަނުން ބުނެފި އެވެ.

އެފައުންޑޭޝަނުން ނެރުނު ބަޔާނެއް ބުނިގޮތުގައި ދުނިޔޭގައި ހަކުރުބަލި ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

މިގޮތުން ހަކުރުބަލިޖެހިފައިވާ މީހުންގެ ގޮތުގައި ދުނިޔޭގެ ގައުމުތަކުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ އަދަދު 2011 ވަނަ އަހަރު 366 މިލިޔަނަށް އަރާފައިވާ ކަމަށާއި މިބަލިޖެހިފައިވާ މީހުންގެ ހަގީގީ އަދަދު މިއަށްވުރެ މާބޮޑުވާނެ ކަމަށް މިބަޔާން ބުނެ އެވެ.

އިންޓަރނޭޝަނަލް ޑައިބެޓީސް ފައުންޑޭޝަންގެ ރައީސް ޖީން ކްލޯޑް ވިދާޅުވިގޮތުގައި ކޮންމެ ހަތް މިނެއްޓަކުން ހަކުރުބަލީގެ މީހަކު މަރުވާކަމަށް ތަފާސް ހިސާބުތަކުންހާމަވާ ކަމުގައެވެ. ހަކުރުބަލީގެ ޝިކާރައަކަށް ޒުވާނުންނާއި ކުޑަކުދިން ވަމުންދާ ކަމަށާއި ހަކުރު ބައްޔަކީ އެއާމެދު ފަރުވާ ކުޑަކޮށްފިނަމަ ހިތާއި ނާރުތަކުގެ ބައްޔާއި ކެންސަރު ބައްޔަށްވުރެވެސް ނުރައްކާތެރި ބައްޔެއްކަމަށް ޖީން ވިދާޅުވިއެވެ.

ހަކުރުބައްޔަށް ފަރުވާކުރުމަށްޓަކައި ދުނިޔޭގެ ގައުމުތަކުން އަހަރު 465 ބިލިޔަން ޑޮލަރަށްވުރެ ބޮޑު ޚަރަދެއް ކުރާކަން ތަފާސް ހިސާބުތަކުންނާއި ސިއްޙަތާބެހޭ ރެކޯޑްތަކުން ހާމަވާ ކަމަށް އިންޓަރނޭޝަނަލް ޑައިބެޓީސް ފައުންޑޭޝަނުން ނެރުނު ބަޔާނުގައި ވެއެވެ. (ޔޫ.ބީ.އައި)