20 Jul 2018, 17:31
ދުނިޔޭގެ މަޝްހޫރު މަޖައްލާ ޓައިމް މެގަޒިންއިން ޖުލައިމަހު 30 ވަނަ ދުވަހު ނެރޭ ކަވަރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސްް ވްލަޑިމިއާ ޕޫޓިންގެ މޫނު އެއްކޮށްލައި ''މޯފް" ކޮށްލައިފައިވާ ފޮޓޯއަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.
ޓައިމް މެގަޒިންގެ ލިޔުންތެރިޔާ ބްރައިން ބެނެޓް ތައްޔާރުކުރި ކަވާ ސްޓޯރީއަށް ތައްޔާރުކުރި އެ ފޮޓޯއާ ބެހޭގޮތުން، ބްރައިން ބުނީ ޓްރަމްޕް ބޭނުންވެލެއްވީ ޕުޓިންއާއެކު ސަމިޓެއް ބާއްވަންކަމަށާއި އެހެންނަމަވެސް އޭގެން ޓްރަމްޕް ބޭނުންވި ކަންކަމަށްވުރެ ގިނަ ކަންތައްތައް ހާސިލްވި ކަމަށެވެ.
އަދި މިއީ ރަޝިއާއިން އެމެރިކާއާ އެމެރިކާ ހިމެނޭ ނޭޓޯގެ ބައިވެރިންނާ ދެކޮޅަށް ގެންގުޅޭ ހަނގުރާމައިގެ ސިޔާސަތުތައް، ޓްރަމްޕް ދިފާއުކުރެއްވުން ރަމްޒުކޮށްދޭ ކަމެއް ކަމަށްކަމަށްވެސް ބްރައިން ބުންޏެވެ.
އެންމެ ފަހުން އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރަޝިއާއިން ނުފޫޒު ފޯރުވިކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރެއެވެ. އަދި ޓްރަމްޕް، ޕުޓިން އާއެކު ސަމިޓް ބާއްވަން ނިންމުމުން ޓްރަޕްގެ ރިޕަބްލިކަން ޕާޓީގެ ފާޑުކިޔުންތައްވެސް ވަރަށް ބޮޑަށް އަމާޒުވިއެވެ.
އެމެރިކާގެ ޖާސޫސީ އިދާރާތަކުން ޓްރަމްޕް ސިފަކޮށްފައިވަނީ ރަޝިއާގެ "ކޮންޓްރޯލްޑް ސްޕައި" އެއްގެ ގޮތުގައެވެ.
ޓައިމް މެގަޒިންގެ އެ ފޮޓޯ ތައްޔާރުކޮށްފައިވަނީ އެމެރިކާގެ މެސެޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ސައިންޓިސްޓް ނެންސީ ބްރައުންއެވެ.
އިންސާނުން ދުވަސްވުމުން ހުންނާނެ ގޮތުގެ ފޮޓޯ ދައްކުވައިދޭ ޑިޖިޓަލް ފޮޓޯ ޓެކްނޮލޮޖީވެސް ނެންސީ ވަނީ ތަރައްގީކޮށްފައެވެ.