20 Jul 2018, 14:22
ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށް، އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވީ ސްޕެއިންގެ ޓެކްސް އިދާރާތަކާ އޭނާއާ ދެމެދު ޖެހުނު މައްސަލަތަކުގެ ސަބަބުން ކަމަށް ލަލީގާގެ ރައީސް ހާވިއާ ތޭބާސް ބުނެފިއެވެ.
ތޭބާސް ބުނެފައި ވަނީ ނުވަ އަހަރަށްފަހު ރޮނާލްޑޯ ރެއާލް ދޫކޮށްލުމުގެ ފަހަތުގައިވާ އެއް ސަބަބަކީ ސްޕެއިންގެ ޓެކްސް ރޭޓް މަތިވުން ކަމަށެވެ. 100 މިލިއަން ޕައުންޑްގެ އަގެއްގައި ރޮނާލްޑޯ ޔުވެންޓަސްއާ ގުޅިފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެގައެވެ. އޭނާ ޔުވެންޓަސްއަށް ދިޔައީ ރެއާލް ދޫކޮށްލުމަށް އަމިއްލައަށް އެދިގެންނެވެ.
ރޮނާލްޑޯ ޓެކުހަށް މަކަރު ހެދިކަމަށް އިދާރާތަކުން އޭނާއަށް ތުހުމަތުކޮށްފައިވާ އިރު، ހަމަ އެފަދަ މައްސަލައެއް ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ މައްޗަށްވެސް އެ އިދާރާތަކުން ކުރިން ވަނީ އުފުލާފައެވެ.
ތޭބާސް ބުނެފައި ވަނީ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވުމުން އޭނާއަށް އާމްދަނީ ބޮޑުވާނެ ކަމަށާއި، ސްޕެއިންއަކީ ކުޅުންތެރިންނަށް ޓެކްސްގެ މައްސަލަ އެންމެ ބޮޑުތަން ކަމަށެވެ.
"ޔުވެންޓަސްގައި ރޮނާލްޑޯގެ އާމްދަނީ ބޮޑުވާނެ. ފައިސާގެ ގޮތުން ބަލާ އިރު، ރޮނާލްޑޯ ޔުވެންޓަސްއަށް ދިއުމަކީ އެންމެ ފައިދާވާނެ ގޮތް. އެހެން ލީގުތަކާއި ސްޕެއިންގެ ލީގާއި އެންމެ ބޮޑު ތަފާތަކީ ޓެކްސްގެ ކަންކަން. ސްޕެއިންއަކީ ޓެކްސް އެންމެ ބޮޑު، އެންމެ މައްސަލަތައްވެސް ގިނަ ގައުމު،" ލަލީގާގެ ރައީސް ތޭބާސް ބުންޏެވެ.
ޔުވެންޓަސްއަށް ބަދަލުވުމަށްފަހު ރޮނާލްޑޯ ބުނެފައި ވަނީ އޭނާއަށް ހުށަހެޅުން ލިބުނީ ޔުވެންޓަސްއިން އެކަނި ކަމަށާއި، ރެއާލް ދޫކޮށްލީ ކެރިއަރުގެ ތަފާތު ތަޖުރިބާއަކަށް ކަމަށެވެ.
ރޮނާލްޑޯ ބުނެފައި ވަނީ އޭނާ ޔުވެންޓަސްއާ ގުޅުނީ ތާރީހީ ކާމިޔާބީތަކެއް ހޯދުމަށް ކަމަށާއި އޭނާގެ ކެރިއަރުގައި އަދި ވެސް ހޯދޭނެ ކާމިޔާބީތައް އެބަހުރި ކަމަށެވެ.
ރޮނާލްޑޯ 2009 ވަނަ އަހަރު ރެއާލްއާ ގުޅުނީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. އޭނާ ވަނީ ރެއާލްގައި ހޭދަކުރި ނުވަ އަހަރުގައި ކްލަބުގެ ރެކޯޑު 450 ގޯލް ޖަހައިފައެވެ. ރެއާލްއާ އެކު ދެ ފަހަރަށް ލީގު އުފުލާލި ރޮނާލްޑޯ ވަނީ ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ.