20 Jul 2018, 15:15
ދުނިޔޭގެ އެންމެ އަގުބޮޑު ގޯލް ކީޕަރުގެ ގޮތުގައި ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ ލިވަޕޫލަށް ބަދަލުވެއްޖެއެވެ.
އިޓަލީގެ އޭއެސް ރޯމާއަށް ކުޅެމުންދިޔަ އެލިސަން ލިވަޕޫލާ ގުޅިފައި ވަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން 66.8 މިލިއަން ޕައުންޑުގެ އަގެއްގައެވެ.
އެލިސަން ލިވަޕޫލާ ގުޅިފައި ވަނީ ރޯމާގައި ދެ އަހަރު ހޭދަކުރުމަށް ފަހުގައެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި ރޯމާއަށް 37 މެޗު ކުޅެދީފައެވެ.
ލިވަޕޫލާ ގުޅުމަށްފަހު އެލިސަން ބުނެފައި ވަނީ ލިވަޕޫލަކީ ތާރީހީ ކްލަބެއް ކަމަށާއި، އެ ކްލަބުގެ ޖާޒީ ލެވުމަކީ ވަރަށް އުފާވި ކަމެއް ކަމަށެވެ. ލިވަޕޫލާ ގުޅުމަކީ އޭނާގެ ކެރިއަރުގައި ނެގުނު މުހިއްމު ފިޔަވަޅެއް ކަމަށާއި، އަބަދުވެސް ކުރިއަށް ދިއުމަށް ވިސްނާ ކަމަށްވެސް އެލިސަން ބުންޏެވެ.
އެލިސަންއާ ގުޅޭ ގޮތުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފައި ވަނީ އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ގޯލްކީޕަރު ކަމަށާއި، ޕްރިމިއާ ލީގަށް ހޭނުމަށް އެލިސަންއަށް ވަގުތު ދޭން ޖެހޭ ކަމަށެވެ. ކްލޮޕް ބުނެފައި ވަނީ އެލިސަންގެ އަގު ބޮޑު ނޫން ކަމަށާއި، މިއަދުގެ މާކެޓްގައި އެއީ ރަނގަޅު އަގެއް ކަމަށެވެ.
ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ލިވަޕޫލުން ވަނީ ވަރުގަދަ ޓްރާންސްފާތަކެއް ކޮށްފައެވެ. އެގޮތުން ސްޓޯކް ސިޓީއަށް ކުޅެމުންދިޔަ ޒެރްދާން ޝަގީރީގެ އިތުރުން މޮނާކޯގެ ފަބީނިއޯ އަދި ޖަރުމަނުގެ ލެއިޕްޒިޕްއިން ވިދާލި ނަބީ ކެއިޓާވެސް ވަނީ ލިވަޕޫލާ ގުޅިފައެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ކުޅުނު ލިވަޕޫލުން ލީގު ނިންމާލީ ހަތަރު ވަނައިގައެވެ.