20 Jul 2018, 15:42
ތައިލެންޑްގެ ތަމް ލުއޭންގް ކޭވްގައި 12 ކުޑަކުދިންނާއި އެކުދިންގެ ކޯޗް ނުވަ ދުވަސްވަންދެން ތާށިވެފައި ތިބި ހާދިސާއަށް މުޅި ދުނިޔޭގެ ކަޅި އަމާޒުވިއެވެ. އެ އަނދިިރި ހޮހޮޅައިގައި އެ ކުދިން ހޭދަކުރި ދުވަސްތަކަކީ އެކުދިންގެ ހަނދާނުން ދުވަހަކުވެސް ފޮހެވިގެން ދާނެ ދުވަސްތަކެއް ނޫނެވެ.
އެ ހާދިސާގައި ތާށިވި ކުދިންނާއި އެކުދިންގެ ކޯޗު މިމަހުގެ 10 ވަނަ ދުވަހު ވަނީ ސަލާމަތްކޮށްފައެެވެ. އެއަށްފަހު އެކުދިންގެ ފުރާނަ އިތުރު ނުރައްކަލަކަށް ހުށަހެޅިދާނެކަމުގެ ބިރު އޮތުމުން، އިތުރަށް ބަލަންޖެހޭ ކަންތައްތައް ކުރުމުގެ ގޮތުން އެކުދިން ބައިތިއްބައިފައިތިބީ ހޮސްޕިޓަލްގައެވެ.
މީގެ ކުރިން އެއިން އެއްވެސް ކުއްޖެއް މީޑިއާއަކާ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް އެކުދިން އިއްޔެ ހޮސްޕިިޓަލުން ދޫކޮށްލުމާއެކު ފުރަތަމަ ފަހަރަށް، އެ ބިރުވެރި ހާދިސާގެ ދުވަސްތައް އެކުދިން ވަނީ ހިއްސާކޮށްފައެވެ.

ތާށިވެފައިވާ ކުދިން ސަލާމަތްކުރުމުގައި ތައިލެންޑްގެ ސްޕެޝަލް ފޯސާސް ހަރަކާތްތެރިވަނީ--
ހޮހޮޅައިގައި ތާށިވި ކުއްޖެއް ކަމަށްވާ އަދުން ސަމޯން އެކުދިން ސަލާމަތްކުރި ހާދިސާ ސިފަކުރީ މުއުޖިޒާތެއްގެ ގޮތުގައެވެ.
'' ފުރަތަމަ ޑައިވަރަށް އަހަރުމެން ފެނުނު ވަގުތު އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނު. ގަބޫލުކުރަންވެސް ދަތިވި. އަހަންނަށް ބުނެވުނީ ހަމައެކަނި ހަލޯއޭ." އަދުން ބުންޏެވެ.
ހޮހޮޅައިގައި ތާށިވި އެންމެ އުމުރުން ހަގު ޗައިން ވަނީ އެ ދުވަސްވަރު ބަނޑުހައިހޫނުކަމާ ކުރިމަތިލިގޮތް ކިޔައިދީފައެވެ.
" ކާއެއްޗެއްސާމެދު ނުވިސްނާ އުޅެވޭތޯ އަހަރެން ބެލީ. އެހެންނޫނީ ބަނޑުހައިހޫނުކަމުގެ އިހްސާސް މާބޮޑަށް ކުރެވޭނެ،" ޗައިން ކިޔައިދިނެވެ.
ހޮހޮޅައަށް އެކުދިން ކޯޗާއެކު އެ ފަދަ ނުރައްކާތެރި ދުވަސްވަރަކު ވަނީ ކީއްވެތޯވެސް ގިނަ ބަޔަކު ދިޔައީ ސުވާލުއުފައްދަމުންނެވެ. އަދި އެކުދިން އެތަނަށް ވަނީ ކުއްޖެއްގެ އުފަންދުވަސް ފާހަނގަކުރުމަށް ކަމަށްވެސް މީގެ ކުރިން އޮތީ އަޑުއަރައިފައެވެ.
ނަމަވެސް އެކުދިންގެ ކޯޗު ބުނީ ހޮހޮޅައަށް ވަނީ އެ ހޮހޮޅަ ބަލާލުމަށް ކުދިންގެ ހުރި ޝައުގެއްގެ ބޮޑުކަމުން ކަމަށެވެ.

ތައިލޭންޑުގެ އަސްކަރިއްޔާއިން ވަނީ އެކުދިން ހޮހޮޅައިގައި ތިބި މަންޒަރު ފެންނަ ވީޑިއޯއެއް ފޭސްބުކުގައި ހިއްސާކޮށްފައި --
ހޮހޮޅައަށް ވަނުމަށްފަހު ގަޑިއެއްހާއިރު ހޭދުކުރުމަށް ފަހު ބޭރަށް ނުކުންނަން އުޅުނު ދަނޑިވަޅު ވެގެން ދިޔައީ އެ ތަނުގައި ފެންބޮޑުވި ވަގުތައްވެސް މެއެވެ. އެހެންކަމުން އެތަނުން ނިކުތުމަކީ ފަސޭހަކަމެއް ނޫންކަން ކޯޗަށްވެސް އެނގުނެވެ.
އެ ހިސާބުން ކޯޗު ބެލީ ހިކިފަސް ސަރަދައްދަކަށް ދެވޭތޯ ކަމަށްވެސް ކޯޗު ބުންޏެވެ. އެއާއެކު އެކުދިންނާ ކޯޗު ދެން ޖެހުނީ ހޮހޮޅައިގެ އެތެރެއަށް ބޮޑަށް ވަންނާށެވެ.
ހޮހޮޅަައިގައި އެކުދިން ނުވަ ދުވަސް ހޭދަކުރީ އެއްވެސް ކާއެއްޗެއް ނެތިއެވެ. ބަނޑުފުރާނަ މުއްތިކުރީ އެ ހޮހޮޅައިގެ މަތީގައި ހުރި ގާތަކުން ފައިބަަމުން ދިޔަ ފެންތަކުންނެވެ.
" އެފެން ހީވަނީ ހަމަ އާންމުކޮށް ބޮއިއުޅޭ ފެންހެން،" ހޮހޮޅައިގައި ތާށިވީ ކުއްޖެއްކަމަށްވާ ޓީ ބުންޏެވެ.
ނަމަވެސް ދުވަސްވީވީހެން އެކުދިންގެ ހާލު ދިޔައީ ދަށްވަމުންނެވެ. ނަމަވެސް އެދުވަސްވަރުވެސް އެ ކުދިން ދިޔައީ އުއްމީދު ކަނޑާނުލުމަށް އެދި އެކަކު އަނެކަަކަށް ހިތްވަރުދީ ހަދަމުންނެވެ.
އެކުދިން ފުރަތަމަ ފެނުނު ދުވަހުވެސް އެކުދިން އުުޅުނީ އެތަނުން ބައެއް ކޮނެގެން ސަލާމަތްވާނެ ގޮތެއް ފެނޭތޯބަލަން ކަމަށް ކޯޗު ބުންޏެވެ.
ކުދިން ފުރަތަމަ ހޯދި ޑައިވަރަކީ ތައިލެންޑްގެ ޑައިވަރުންނެއް ނޫނެވެ. އެ ޑައިވަރުން އިނގިރޭސިބަހުން ވާހަކަދެއްކުމުން އެކުދިންނަށް ވެސް ލިބުނީ ޝޮކެކެވެ. އެކުދިން އުއްމީދުކޮށްގެން ތިބީ ތައިލެންޑްގެ ޑައިވަރުން އެމީހުން ސަލާމަތްކުރާނެ ކަމަށެވެ.

ހޮހޮޅައިގައި ތާށިވިކުދިން ހޮސްޕިޓަލުން ދޫކޮށްލުމަށް ފަހު ދިން ފުރަތަމަ ޕްރެސްކޮންފަރެންސްގެ ތެރެއިން--
ހޮހޮޅައިން އެކުދިން ސަލާމަތްކުރުމަށް ހިންގި ވަރުގަދަ އޮޕަރޭޝަނަށް ދުނިޔޭގެ އެހާ ބޮޑު ސަމާލުކަމެއް ލިބުނު ކަމެއް އެކުދިންނަކަށް ނޭނގެއެވެ. ހޮހޮޅައިން ފުރަތަމަ ސަލާމަތްކުރާނީ ކޮން ކުދިންނެއްތޯ މަޝްވަރާކުރިއިރުވެސް އެކުދިންގެ ހިޔާލު ޑައިވަރުންނާ ވަރަށް ތަފާތެެވެ.
އެކުދިންގެ ވިސްނުން ހުރީ އެކުދިން ދިރިއުޅޭ ސަރަހައްދުތަކުގެ ތެރެއިން އެންމެ ދުރުގައި އުޅޭ ކުދިން އެންމެ ފުރަތަމަ ހޮހޮޅައިން ނެރުމަށެވެ. އެ ކުދިން ހީކުރީ ހޮހޮޅައިން ދޫކޮށްލާއިރަށް ވަގުތުން ގެއަށް ދެވޭނެ ކަމަށެވެ.
ހޮހޮޅައިން ތާށިވި ހާދިސާ އެކުދިން ނެގީ އިބުރަތެއްގެ ގޮތުގައެވެ. އަދި ކުރިއަށް އޮތްތަނުގައި އަމިއްލަ ފުރާނާ ނުރައްކަލަށް ހުށަހެޅުމުގެ ބަދަލުގައި ކަންކަމާމެދު ފަރުވާތެރިވާނެ ކަމަށްވެސް އެކުދިން ބުންޏެވެ.
ތައިލެންޑްގެ ވައިލްޑް ބޮއާސް ކްލަބުގެ ޖޫނިއާ ޓީމްއަށް ނިސްބަތްވާ އެކުދިންގެ ތެރެއިން ބައެއް ކުދިން އަދިވެސް ބޭނުންވަނީ ފުޓްބޯޅަ ކުޅުންތެރިންނަށް ވާށެވެ. ނަަމަވެސް އަނެއްބައިކުދިންގެ ހިޔާލު ވަނީ ބަދަލުވެފައެވެ.
އެކުދިން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ތައިސީލްގެ ކުޅަދާނަ ޑައިވަރުންގެ ހުނަރު ފެނިފައި ބައެއް ކުދިންގެ ހިޔާލު މިހާރު ހުރީ އެފަދަ ތައިސީލްސްގެ ޑައިވަރުންނަށް ވުމަށެވެ.