20 Jul 2018, 00:32
އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި ސިންގަޕޫރުގައި އުޅޭ ދިވެހީން ރިޔާސީ އިންތިހާބަށް ރީ ރެޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް، އިންޑިއާގެ ނިއު ދިއްލީއާއި ސިންގަޕޫރުގައި ވެސް ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ރޭގެ ވަގުތެއްގަ އެވެ. ނިއު ދިއްލީ އާއި ސިންގަޕޫރުގައި ވެސް ބަހައްޓަނީ އެންމެ ވޯޓު ފޮއްޓެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މިރޭ އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ވަނީ އެ ވޯޓު ފޮށިތަކަށް ރީ ރެޖިސްޓްރީވުމަށް ހުޅުވާލާފަ އެވެ.
ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ގައުމުތަކުގެ ތެރެއިން އެ ގައުމެއްގައި ވޯޓުފޮށި ބަހައްޓާނީ، ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ގައުމެއްގައި ވޯޓުލުމަށް މަދުވެގެން 200 މީހުން ރަޖިސްޓަރީވެފައިވާ ނަމަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ނިއުދިއްލީ އަދި ސިންގަޕޫރުގައި 200 މީހުންނަށްވުރެ މަދު އަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ތަނެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެ ކަމަށެވެ.
އަދި އެފަދަ ހާލަތެއްގައި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާތިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެ ކަމަށެވެ. އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް ފަސޭހައިން ވޯޓުލުމަށް، އެހެން ފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް ތިން ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ކުރިން އިލެކްޝަން ކޮމިޝަނުން ނިންމީ އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާ އާއި މެލޭޝިޔާ އަދި އިނގިރޭސިވިލާތުގެ ލަންޑަނުގައި ވޯޓު ފޮށި ބެހެއްޓުމަށެވެ.