ރިޔާސީ އިންތިހާބުގައި، ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ އޮފިޝަލުން ހޯދުމަށް ކުރި އިއުލާނަށް ބޭނުންވާ ވަރަށް ހުށަހެޅުން ލިބިފައި ނުވުމުން އަނެއްކާވެސް އޮފިޝަލުން ހޯދުމަށް އިލެކްޝަން ކޮމިޝަނުން އިއުލާނުކޮށްފިއެވެ.

މިއަދު އިލެކްޝަންސް އިން ކުރި އިއުލާނުގައި ބުނެފައި ވާގޮތުގައި އޮފިޝަލު ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ:

  1. އުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން

  2. އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން
  3. އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
  4. ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
  5. އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުން.
  6. މިފަދަ މަސައްކަތަކަށް ޞިއްޚީ ގޮތުން ޤާބިލް މީހަކު ކަމުގައިވުން.
  7. ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްސަކޮށްގެން ސެޕްޓެމްބަރު މަހުގެ ތެރޭގައި ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެ ކަމަށާއި މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުސަތު ނުދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ އިއުލާނުގައި ވަނީ ބުނެފައެވެ.

އޮފިޝަލު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، މި މަހުގެ 25 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނަށް، ރަށު، އަތޮޅު ނުވަތަ ސިޓީ ކައުންސިލަށް ހުށަހެޅުމަށް އިއުލާނުގައި ވަނީ އެދަފަ އެވެ.

އޮފިޝަލު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ ފަރާތްތަކަށް ވޯޓްލާ ދުވަހު 1500 ރުފިޔާ ލިބޭނެ އެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ ވޯޓްލާ ދުވަހު 1200 ރުފިޔާ، އޮފިޝަލުންގެގޮތުގައި ހަރަކާތްތެރިވާ އެނޫންފަރާތްތަކަށް 1000 ރުފިޔާ، އަދި ރިސާރވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ 500 ދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.