މިދިޔަ އަހަރު މިޔަންމާ ސިފައިން އެގައުމުގައި ދިރިއުޅޭ ރޮހިންގާ މުސްލިމުންނާ މެދު ހިންގި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކަކީ އެގައުމުގެ ސަރުކާރުން ދުރާލާ ރާވައިގެން ހިންގި ޖަރީމާތަކެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ފޯޓިފައި ރައިޓްސް އިން ބުނެފިއެވެ.

ފޯޓިފައި ރައިޓްސް އިން ކުރި ތަހުގީގަކަށް ފަހު ބުރާސްފަތި ދުވަހު ޝާއިރު ކުރި 162 ގަނޑުގެ ރިޕޯޓު "ދޭ ގޭވް ދެމް ލޯންގް ސްވޯޑްސް"ގައި ބުނެފައި ވަނީ 700000 ރޮހިންގާ މުސްލިމުން ބަންގްލަދޭޝަށް ފިލަން މަޖުބޫރު ކުރި އެ ހަމަލާއަށް މިޔަންމާ ސިފައިން ދުރާލާ ރާވާފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ މިޔަންމާ ސިފައިން މަސައްކަތް ކުރީ ރާކީން ސްޓޭޓުގައި ހިންގި އޮޕަރޭޝަނަކީ ޓެރަރިޒަމާ ދެކޮޅަށް ކުރި މަސައްކަތެއް ކަމަށް ދުނިޔެއަށް ދެއްކުމަށް ކަމަށެވެ. އަދި އެއީ ރޮހިންގާ މުސްލިމް ޖަމާއަތެއް ކަމަށްވާ އަރްސާ އިން ދިން ހަމަލާއަކާ ގުޅިގެން ވަގުތުން ދިން ރައްދެއްގެ ގޮތުގައި ދެއްކުމަށް ކަމަށެވެ.

އެހެން ނަމަވެސް، މިިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 25 ވަނަ ދުވަހު ރޮހިންގާ މުސްލިމުންނާ ދެކޮޅަށް އޮޕަރޭޝަން ފެށުމުގެ އެތައް ހަފްތާއެއް ކުރިން އެކަމަށް މިޔަންމާ ސިފައިން ތައްޔާރު ވިގޮތް ޑޮކިއުމެންޓުކޮށްފައި ވާނެ ކަމަށް އެ ރިޕޯޓުގައިވެ އެެވެ.

އެގޮތުން، ހަތިޔާރުގެ ގޮތުގައި ރޮހިންގާ މުސްލިމުންނަށް ބޭނުންކުރެވިދާނެ ފަދަ ގޭތެރޭގައި ބޭނުންކުރާ ސާމާނުވެސް ހަމަލާގެ ހަފްތާތަކެއް ކުރިން އަތުލި ކަމަށް ރިޕޯޓުގައިވެއެވެ. އަދި ރާކީން ސްޓޭޓުގައި ދިރިއުޅޭ އެހެން ނަލްސުތަކުގެ މީހުންނަށް ކަނޑި ފަދަ ހަތިޔާރު ބޭނުން ކުރަން ސިފައިން ތަމްރީީނު ދިން ކަމަށް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން، އޮޕަރޭޝަންގ ކުރިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރޮހިންގާ މުސްލިމުން ދިރިއުޅުނު ގެތަކުގެ ފެންސުތައް ނެގުމާއި، މުސްލިމުން އަމަލު ކުރަން ޖެހޭ ކާފިއުއެއް ގާއިމް ކުރުމާއި، އެ ސްޓޭޓުގައި ހަރަކާތްތެރިވާ ސިފައިންގެ އަދަދު ގިނަ ކުރުން ހިމެނޭ ކަމަށް ރިޕޯޓުގައިވެއެވެ.

ފޯޓިފައި ރައިޓްސް އިން ވަނީ މިޔަންމާ އަސްކަރިއްޔާއަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް އދގެ ސެކިއުރިޓީ ކައުންސިލުގައި ހިމެނޭ ގައުމުތަކަށް ގޮވާލާފަ އެވެ. އަދި އެ ޖަރީމާގައި ބައިވެރިވި ވަކިވަކި ފަރުދުންނަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

ފޯޓިފައި ރައިޓްސްގެ ރިޕޯޓުގައި މިހެން ބުނެފައިވާއިރު އދ އިން ބުނެފައި ވަނީ ރޮހިންގާ މުސްލިމުންނާ ދެކޮޅަށް މިޔަންމާ ސިފައިން ހިންގި ޖަރީމާތަަކީ "އެތްނިކް ކްލެންސިން"ގެ (ނަސްލެއް ނައްތާލަން މަސައްކަތް ކުރުން) މިސާލެއް ކަމަށެވެ.