19 Jul 2018, 22:50
ރާއްޖޭގައި ގާއިމްކުރި ފުރަތަމަ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލް ޓްރީޓޮޕް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ކުއްޖަކު ކާމިޔާބު ކަމާއެކު ވިއްސައިފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ވިއްސީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އަދި ދެމައިން ހާލުވެސް ވަރަށް ރަނގަޅު ކަމަށް ޓްރީޓޮޕުން ބުންޏެވެ.
ޓްރީޓޮޕުން ބުނީ އެ ތުއްތު ކުއްޖާ ވިއްސީި އައިޝަތު ޝާފިޔާ އިސްކޮށްހުރެ އޮޕަރޭޝަން ޑޮކްޓަރާއި ހޭނައްތާ ޑޮކްޓަރާއި އަންހެނުންގެ ޚާއްސަ ޑޮކްޓަރުގެ އިތުރުން ތަމްރީން ލިބިފައިވާ ނަރުހުންގެ އެހީތެރި ކަމާއެކު ކަމަށެވެ.
ސަތޭކަ ދިހަ މިލިއަން ޑޮލަރު ހަރަދުކޮށްގެން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ތަފާތު 35 ގައުމެއްގެ ތަޖުރިބާކާރު ޑޮކްޓަރުން ފަރުވާ ދެމުން ގެންދެއެވެ.
ޓްރީޓޮޕުގައި ހިދުމަތް ދެއްވާނީ މުޅިން ވެސް ސްޕެޝަލިސްޓު ޑޮކްޓަރުންނެވެ. ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހައްދަން ޗާޖުކުރަނީ 750 ރުފިޔާ އެވެ. ހާއްސަ ޑިސްކައުންޓަކާ އެކު ދިވެހިންގެ އަތުން ނަގާނީ 525 ރުފިޔާ އެވެ.
އެންމެ ޒަމާނީ އިކުއިޕްމެންޓާއި ހިދުމަތްތަކާ އެކު ޓްރީޓޮޕްގެ ހިދުމަތް ފަށާފައިވާ އިރު ހޮސްޕިޓަލުގައި ފަސް ކެޓަގަރީއެއްގެ ރޫމާއި 210 އެނދު ހުރެ އެވެ.