20 Jul 2018, 10:25
އިސްރާއީލުން ޣައްޒާގެ ރައްޔިތުންނަށް ދަތިކުރުމުގެ ގޮތުން އިންސާނިއްޔަތާ ޚިލާފު ފިޔަވަޅުތައް އަޅާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އަބަދުވެސް ޣައްޒާގެ ރައްޔިތުންނަށް "އަަދަބު ދިނުމަށް" އާ ގޮތްތަކެއް އެގައުމުގެ ސަރުކާރުން ހޯދާއިރު އަނެއްކާވެސް އެފަދަ ނިންމުމެއް މިވަނީ ނިންމާފައެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ފާއިތުވި ހޯމަ ދުވަހު ނިންމީ ޣައްޒާއަށް މުދާ އެތެރެކުރަން އޮންނަ ހަމައެކަނި މަގު ކަމަށްވާ "ކަރަމް ޝަލޮމް" މަގު ބަންދު ކުރުމަށެވެ. އަދި އެ މަގުން ހަމައެކަނި އެތެރެ ކުރެވޭނީ އިންސާނީ ހައްގެއްގެ ގޮތުގައި ހިމެނޭ މުދާ ކަމަށް އިސްރާއީލުން ވަނީ ކަނޑައަޅާފައެވެ.
މިހާރު ޣައްޒާއަށް އެތެރެ ކުރެވެނީ ހަމައެކަނި ކާބޯތަކެއްޗާއި، ބޭހާއި، ސާފުތާހިރުކަމަށް ބޭނުންވާ ތަކެއްޗާއި، ޖަނަވާރުތަކަށް ކާންދޭ ތަކެއްޗެވެ. މީގެ ކުރިން ތެލާއި ގޭސް ވެސް އެތެރެ ކުރެވޭ އިރު ފަހުން ތެލާއި ގޭސް އެތެރެ ކުރުން ވެސް ވަނީ މަނާ ކޮށްފައެވެ.
ހޯމަ ދުވަހުގެ ނިންމުމާއެކު ޣައްޒާގެ ވިޔަފާރިތައް އެތަކެއްޗަށް ބަރޯސާ ވެފައިވާ ލަކުޑި، ފަރުނީޗަރު، ކޮންސްޓްރަކްޝަން ސާމާނު، އިލެކްޓްރޯނިކްސް، އަންނައުުނު، އަދި ޖެނެރޭޓަރު ފަދަ ތަކެތި އެތެރެކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. މީގެ އިތުރުން ޣައްޒާއިން އުފައްދާ މުދާތައް އެކްސްޕޯޓު ކުރުން ވެސް ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.

ކަރަމް ޝަލޮމް މަގު ބަންދުކުރުމުން ޣައްޒާގެ ވިޔަފާރިތަކަށް އެކަމުގެ ނޭދެވޭ އަސަރު ދަނީ ކުރަމުން
ކަރަމް ޝަލޮމް މަގު ބަންދުކުރުމާއެކު އެކަމުގެ ނޭދެވޭ އަސަރު ޣައްޒާގެ ވިޔަފާރިތަކަށް ވަނީ ކުރަން ފަށައިފައެވެ.
ޣައްޒާގައި ފަރުނީޗަރު ވިއްކާ އަދި އުފައްދާ ކުންފުންޏެއްގެ ވެރިފަރާތް ކަމަށްވާ ކަމާލް އަބްދުލް ހާދީ ބުނީ ކަރަމް ޝަލޮމް މަގު ނުހުޅުވައި މާ ގިނަ ދުވަހު ބަހައްޓައިފި ނަމަ އެކަން ވެގެންދާނީ ޣައްޒާގެ ވިޔަފާރިތަަކަށް ބޮޑު މުސީބާތަކަށް ކަމަށެވެ. އޭނާގެ ވިޔަފާރި މުޅިންހެން ބަރޯސާވެފައި ވަނީ ކަރަމް ޝަލޮމް މަގުން އިސްރާއީލަށާއި ހުޅަނގު އައްސޭރިއަށް ފަރުނީޗަރު އެކްސްޕޯޓު ކުރުމަށެވެ.
އަބްދުލް ހާދީއަށް ލަކުޑި ވިއްކާ ފަރާތްތަކުން މިހާރު ލަކުޑި ހުސްވެދާނެ ކަމުގެ ބިރަށް ލަކުޑި ވިއްކުން ވެސް ވަނީ ހުއްޓާލާފައެވެ. އަދި ލަކުޑި ވިއްކާ މަދު ފަރާތްތަކުން ވަނީ ލަކުޑީގެ އަގު 30 ޕަސެންޓް އިތުރުކޮށްފައެވެ.
"އަހަރެމެން އުންމީދު ކުރަނީ އިސްރާއީލުން އެ މަގު މާ ގިނަ ދުވަހު ބަންދުކޮށްފައި ނުބަހައްޓާނެ ކަމަށް، އެއީ އެކަން އަހަރެމެންނަށް މަރުގެ އަދަބަކަށް ވާތީ،" އަބްދުލް ހާދީ ބުންޏެވެ.
އަހްމަދު އަލް އަސްތަލް އަކީ މީގެ ކުރިން ޣައްޒާއިން ތަރުކާރީ އެކްސްޕޯޓުކޮށް އުޅުނު މީހެކެވެ. ނަމަވެސް، ކަރަމް ޝަލޮމް މަގު ބަންދު ކުރުމާއެކު އޭނާގެ ވިޔަފާރި މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ.
އޭނާ ވިއްކާ ތަރުކާރީގެ ތެރެއިން ޣައްޒާގެ ލޯކަލް މާރުކޭޓުގައި ވިކެނީ އެންމެ 30 ޕަސެންޓެވެ. އެކްސްޕޯޓު ކުރުން ހުއްޓުމާއެކު ބާކީވާ ތަރުކާރީ މިހާރު ވަނީ ހަލާކުވެ އުކާލަން ޖެހިފައެވެ.
ޣައްޒާގެ އެކްސްޕޯޓުތައް ހުއްޓިފައިވާއިރު އެކަމުގެ ސަބަބުން އެތައް ފެކްޓަރީތަކެއް ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ. ނަތީޖާއެއްގެ ގޮތުން އެތައް ބައެއްގެ ވަޒިފާ ދަނީ ގެއްލެމުންނެވެ.

އެކްްސްޕޯޓުތައް ހުއްޓުމާއެކު ފެކްޓަރީތަކުގެ މަސައްކަތް ވަނީ ހުއްޓިފައި ފޮޓޯ: އަލް ޖަޒީރާ
ޖޫން މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޣައްޒާއަށް އެތެރެކުރާ މުދަލުގެ 44 ޕަސެންޓަކީ ކޮންސްޓްރަކްޝަން ސާމާނެވެ. އެހެން ނަމަވެސް މިހާރު ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުން ހުއްޓިފައިވާއިރު އެކަމުގެ އަސަރު ޣައްޒާގެ އިމާރާތް ކުރުގެ ދާއިރާއަށް ދަނީ ކުރަމުންނެވެ.
ޣައްޒާގެ ތައުލީމީ އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށް އދ. އިން އަޅަން މަސައްކަތް ކުރި އިމާރާތްތަކަށް ބޭނުންވާ ސާމާނުވެސް މިހާރު ވަނީ ނުވެއްދިފައެވެ. އަދި ފެނުގެ ނިޒާމު ރަނގަޅު ކުރުމުގެ ޕްރޮޖެކްޓަކަށް ބޭނުންވާ ސާމާނު ވެއްދުން ވެސް ވަނީ ހުއްޓުވާފައެވެ.
"ޣައްޒާގެ ކަރުގައި އިސްރާއީލުން އައްސާފައިވާ ވާގަނޑު" ބާރު ކުރަމުންދާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި ޖޫން މަހު ޣައްޒާއަށް އެތެރެކުރި މުދަލުގެ އަދަދު ވަނީ 2015 ވަނަ އަހަރުގެ ޖުލައި މަހަށް ފަހު މަދު ނުވާ ވަރަކަށް މަދުކޮށްފައެވެ.
ޣައްޒާގެ ވިޔަފާރިވެރިން މިހާރު އެންމެ ކަންބޮޑުވެފައި ވަނީ ކަރަމް ޝަލޮމް މަގު ހުޅުވުމުން ކުރިން ވިޔަފަރީގެ އެއްބަސްވުންތައް ހަދާފައިވާ ބޭރުގެ ފަރާތްތަކުން އަލުން އެއްބަސްވުންތައް އާ ނުކޮށްފާނެތީއެވެ. މަގު އަލުން ހުޅުވާތޯ އެމީހުން ދަނީ ދުއާ ކުރަމުންނެވެ.
ކަރަމް ޝަލޮމް މަގު ބަންދުކުރުމުގެ އިތުރުން ޣައްޒާގެ ރައްޔިތުން މަސްވެރިކަން ކުރަން ކަނޑައަޅާފައިވާ ސަރަހައްދު ވެސް އިސްރާއީލުން ވަނީ ކުޑަކޮށްފައެވެ. މަސްވެރިކަން ކުރާ ސަރަހައްދު ކުޑަކޮށްފައި ވަނީ ޣައްޒާގެ ބޭރުން ހަ ނޯޓިކަލް މޭލުން، ތިން ނޯޓިކަލް މޭލަށެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން 12 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރުމުގެ ހުއްދަ ޣައްޒާގެ ރައްޔިތުންނަށް އޮތެވެ.
ޣައްޒާއަށް އިސްރާއީލުން ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާއިރު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމި ޖަމްއިއްޔާތަކުން ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. ނަމަވެސް އިސްރާއީލުން ޣައްޒާގެ ރައްޔިތުންނަށް ކުރަމުންދާ އުނދަގޫތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުކުރަމުންނެވެ. (އަލް ޖަޒީރާ)