15 Sep 2011, 11:35
ވޮޝިންގޓަން (ސެޕްޓެމްބަރ 15) : ކުރިޔަށްއޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އަލްގައިދާ ޖަމާއަތުގެ ބާރު މުޅިން ކަނޑުވާލެވޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ޖާސޫސީ މަސްއޫލުވެރިއަކު ވާހަކަ ދައްކަވައިފި އެވެ.
ވޮޝިންގޓަން ޕޯސްޓަށް ދެއްވި ބަސްދީގަތުމެއްގައި އެމެރިކާގެ ދިފާއީ ވުޒާރާގެ ޖާސޫސީ ކަންކަމާބެހޭ ވެރިޔާ މައިކަލް ފިކަރޒް ވިދާޅުވީ އަލްގާއިދާއާ ދެކޮޅަށް އެމެރިކާއާއި އެހެން ގައުމުތަކުން ކުރިމަތިކުރަމުންގެންދާ ފިއްތުންތަކުގެ ސަބަބުން އެޖަމާއަތުގެ ބާރު ދެރަވަމުން ދާ ކަމުގައެވެ.
އަފްޣާނިސްތާނާއި ޕާކިސްތާނުގެ ސަރަޙައްދީ ރަޮނގުގެ ކައިރީގައިވާ ތަންތަނަށް އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތަކުން ދެމުންގެންދާ ވައިގެ ހަމަލާތަކުގެ ސަބަބުން އަލްގާއިދާގެ ހަނގުރާމަވެރިންގެ ގިނަބަޔަކު މަރުވެ އެޖަމާއަތުގެ ކޮމާންޑިންގ ސެންޓަރުތައް ހަލާކުވަމުންދާ ކަމަށް ފިކަޒް ވިދާޅުވިއެވެ.
ފިކަރޒް މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް އަލްގައިދާއިން އައުޙަމަލާތަކެއް ރާވަމުންދާ ކަމަށް ވިދާޅުވެ އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔާ ޑޭވިޑް ޕެޓްރާވްސް ދާދިފަހުންވަނީ ކޮންގްރެސްގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީގައި ވާހަކަ ދައްކަވާފައެވެ.
ޕެޓްރާވްސްގެ އިތުރުން އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސާބެހޭ ޑައިރެކްޓަރވެސްވަނީ އަލްޤާޢިދާއިން އަދިވެސް ޓެރަރިސްޓް ހަމަލާތައް ރާވަމުންދާ ކަމަށާއި އަލްގާއިދާއަކީ އަދިވެސް އެމެރިކާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާކަމަށް ސިފަކުރައްވާފައެވެ. އެމެރިކާވަނީ ސެޕްޓެމްބަރ 11 ގެ ޙަމަލާތަކަކީވެސް އަލްގާއިދާގެ ހަމަލާތަކެއް ކަމަށް ބުނެފައެވެ. ނަމަވެސް ސެޕްޓެމްބަރ 11 ގެ ހަމަލާތައް ދިނީ އަލްގާއިދާއިން ކަމަށްބުނެ އެމެރިކާ ދައްކާ ވާހަކަތަކުގެ ސައްހަކަމާމެދު ދުނިޔޭގެ ގިނަބަޔަކު ޝައްކު ކުރެއެވެ.
އަދި އަލްގާއިދާގެ ހަގީގީ ސައިޒަށްވުރެ އެޖަމާއަތުގެ ބާރާއި ގާބިލްކަން މާބޮޑުކަމަށް ހަދައިގެން ސިޔާސީ އަދި އިސްތިއުމާރީ މަގުސަދްތަކެއް ހާސިލްކުރަން އުޅޭކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ވަނީ ކުރެވިފައެވެ. (އަލްޖަޒީރާ)