19 Jul 2018, 18:09
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ވިލިނގިއްޔަށް މިއަދު ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ގއ. އަތޮޅަށް ޑރ. ޝަހީމް އާ އެއްކޮށް ވަޑައިގެންނެވި ޓީމުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހްމަދު އައްސަދު އަދި ގެމެނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްލާމް ހިމެނިވަޑައިގަންނަވައެވެ.
ޖަމީލް އުސްމާން "ސަން" އަށް ވިދާޅުވީ ޑރ. ޝަހީމް ފުރަތަމަ ވަޑައިގެންނެވި ރަށް ކަމަށްވާ ވިލިނގިލިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ލިބިވަޑައިގެންނެވި ކަމަށެވެ.

ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. ޝަހީމް ގއ. ވިލިނގިއްޔަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ޓްވިޓާ
"އޭގެ ތެރޭގައި ސިޔާސީ ފިކުރަކަށް ނުބަލައި ޕާޓީގެ މެމްބަރުންގެ ގޮތުގައި ނުހިމެނޭ މީހުން ވެސް، އަދި އެހެނިހެން ފިކުރުތަކުގައި ތިބި މީހުންވެސް ޝަހީމްއަށް ވަރަށް ބޮޑަށް މަރުހަބާ ކިޔުމަށްޓަކައި ނުކުންނެވި،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ޑރ. ޝަހީމްގެ ދަތުރުފުޅުގައި އެ ރަށުގެ އެކި އުމުރުފުރާތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ވިލިނގިލީގައި މަޑުކުރައްވައި ދެ ދުވަހުގައި ޑޯ ޓު ޑޯ ހަަރަކާތްވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
އެ ދަތުރުފުޅުގައި ބޮޑު ޖަލްސާއެއް ބޭއްވުމުގެ ބަދަލުގައި އަމާޒަކީ ޑރ. ޝަހީމްއާ ބައްދަލު ކުރަން ބޭނުންވާ ރައްޔިތުންނަށް އެމަނިކުފާނާ ބައްދަލު ކުރަން ފުރުސަތު ދިނުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. ޝަހީމް ގއ. ވިލިނގިއްޔަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ޓްވިޓާ..
މީގެ އިތުރުން ވިލިނގިލިން ލިބުނު ވަރުގެ ބޮޑު ތަރުހީބެއް ގއ. އަތޮޅުގެ އެހެން ރަށްތަކުން ވެސް ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
ޑރ. ޝަހީމްގެ ދަތުރުފުޅުގައި ގއ. އަތޮޅުގެ ހުރިހާ ރަށްތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު ކެމްޕެއިން ދަތުރުފުޅެއްގައި ގއ. އަތޮޅަށް ވަޑައިގެންނެވި އިރު ރޭ ރުމާލު 2 ޖަގަހައިގައި ޑރ. ޝަހީމް ވަނީ މާލޭގައި ދިރިއުޅޭ ގއ. އަދި ގދ. އަތޮޅުގެ ރައްޔިތުންނާ ވެސް ބައްދަލު ކުރައްވާފައެވެ.