ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ ވަޒީރުން އަދި އެހެން ވެސް ބޭފުޅުން ހިމެނޭ ގޮތަށް ފިޔަވަޅު އެޅި ކަމަށް ގަބޫލު ކުރެވުނީ ގޯހަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަދި ބައެއް ވަޒީރުންނާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ހިމެނޭ ގޮތަށް ބައެއް ވިޔަފާރިވެރިންނަށް ޔޫރަޕިއަން ޔޫނިއަނުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވަނީ ފަހުން އެ ޓްވީޓް ޑިލީޓް ކޮށްލައްވައިފަ އެވެ. އަދި ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ރައީސް ޔާމީނަށް އީޔޫއިން ފިޔަވަޅު އެޅި ކަމަށް ބުނެވުނީ ގޯހަކުން ކަމަށެވެ.

އެކަމަކު ކަންކަން އިސްލާހު ނުކޮށްފި ނަމަ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ އިސް ވެރިންނާއި ރައީސް ޔާމީނަށް ފިޔަވަޅު އެޅިކަމަށް ރައީސް ނަޝީދު ޓްވީޓް ކުރެއްވި ނަމަވެސް ރާއްޖޭގެ އެއްވެސް ބޭފުޅަކަށް އީޔޫ އިން އަދި ފިޔަވަޅު އަޅާފައެއް ނުވެ އެވެ.

އީޔޫއިން ވަނީ ފިޔަވަޅު އެޅުމާ ބެހޭ ފްރޭމް ވޯކެއް އެކުލަވާލާފަ އެވެ. އަދި ކަންކަން އިސްލާހު ނުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އީޔޫއިން ވަނީ ރާއްޖެއަށް އަންގައިފަ އެވެ. އީޔޫއިން ދިވެހި ސަރުކާރަށް އަންގާފައި ވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށެވެ.

މި ހަފްތާގައި ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން އިދިކޮޅު ފަރާތްތަކަށް މަޝްވަރާއަށް މިހާތަނަށް 12 ދައުވަތެއް ދެއްވި ކަމަށެވެ. އަދި މަޝްވަރާއަށް އަންނަން ޖެހޭނީ ޝަރުތުތަކެއް ކުރިމަތި ކުރުވާފައި ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ރާއްޖެއަށް އައިސްފައިވާ ސިޔާސީ ހަލަބޮލިކަމަށް މަޝްވަރާގެ މުހިންމު ކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.

"ކީއްވެތޯ ވަޑައި ނުގެން އެ އުޅެނީ. މިހާރު ވެސް އަޅުގަނޑުމެން އޮންނާނީ ދައުވަތެއް ދީފައި ވަޑައިގަންނަވާށޭ އަޅުގަނޑުމެންނާ ވާހަކަ ދައްކަން. ތިޔަ ހުރި މައްސަލަތަކެއްވިއްޔާ ހައްލު ކުރާނެ ގޮތް އަޅުގަނޑުމެންނާ ހިއްސާ ކޮށްދެއްވާށޭ. އެ ހައްލު ކުރާނެ ގޮތެއް ހިއްސާއެއް ނުކުރެވޭ. ކީއްވެގެންތޯ މޭޒު ކައިރިއަށް އައިއްސަ މިވާހަކަ ނުދެއްކެނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.