19 Jul 2018, 16:45
މެކްސިކޯ ސިޓީ (ޖުލައި 19): މެކްސިކޯގެ ކެމްޕެއިން ފައިނޭންސް ކުރުމާ ބެހޭ ގަވާއިދުތަކާ ހިލާފުވުމާ ގުޅިގެން އެގައުމުގެ އާއްމު އިންތިހާބު ކާމިޔާބު ކުރި ޕާޓީ 10 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.
މެކްސިކޯގެ ނެޝަނަލް އިލެކްޓޯރަލް އިންސްޓިޓިއުޓް (އައިއެންއީ)އިން މޮރީނާ ޕާޓީ ޖޫރިމަނާ ކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެގައުމަށް އައި ބިންހެލުމަކާ ގުޅިގެން އެޕާޓީން ހެދި ޓްރަސްޓު ފަންޑެއްގެ ސަބަބުންނެވެ.
މެކްސިކޯގެ ދެކުނަށް އައި 7.1 މެގްނިޓިއުޑުގެ އެބިންހެލުމުގައި 350އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
އައިއެންއީން ބުނި ގޮތުގައި 4.1 މިލިއަން ޑޮލަރު ލިބުނު އެފަންޑު ހެދި ކަމެއް ވެސް އަދި އެފައިސާއަށް ވީގޮތެއްވެސް ޕާޓީން ރިޕޯޓު ނުކުރެ އެވެ. އަދި ސިޔާސީ ޕާޓީތަކުން ސީދާ އާއްމުންނަށް ފައިސާ ދިނުމަކީ މަނާ ކަމެއް ކަމަށް ވެސް އެއިންސްޓިޓިއުޓުން ބުންޏެވެ.
އައިއެންއީން އެތަހުގީގު ފެށީ މޮރީނާ ޕާޓީން އެފަންޑުގެ ފައިސާ ކެމްޕެއިނަށް ހަރަދު ކުރި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރުމުންނެވެ. ނަމަވެސް އައިއެންއީން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.
މިމަހުގެ އެކެއްގައި ބޭއްވި އާއްމު އިންތިހާބުގައި މޮރީނާ ޕާޓީން ވަނީ މަޖިލީހުގެ އަގުލަބިއްޔަތު ހޯދައިފަ އެވެ. އަދި އެޕާޓީގެ ކެނޑިޑޭޓު އަންދްރޭސް މެނުއެލް ލޯޕޭޒް އޮބްރަޑޯ ވަނީ ރައީސް ކަމަށް އިންތިހާބުވެފަ އެވެ.
މޮރީނާ ޕާޓީން ވަނީ އެމައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފަ އެވެ. (ބީބީސީ)