15 Sep 2011, 11:16
ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު، އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ އެކި ޖަމްއިއްޔާ ޖަމާއަތްތަކުގެ އިސް މަންދޫބުންނާ ޖެނީވާގައި އިއްޔެ ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖެއިން އަދާކުރާ ދައުރާއި އަދި ނޮވެމްބަރު މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު ދެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ބައިވެރިވި ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުގެ ތެރޭގައި، އެމްނެސްޓީ އިންޓަނޭޝަނަލް، ހިއުމަން ރައިޓްސް ވޮޗް، ކައިރޯ އިންސްޓިޓިއުޓް، އެސޯސިއޭޝަން ފޮރ ދަ ޕްރިވެންޝަން އޮފް ޓޯޗަރ އަދި އޭޝިޔާ ފޯރަމް އޮން ހިއުމަން ރައިޓްސް ހިމެނެ އެވެ.
މިބައްދަލުކުރެއްވުމުގައި އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖެއިން އަދާކުރަމުން ގެންދާ ދައުރު، މި ޖަމާއަތްތަކުގެ ވެރިން ފާހަގަކުރައްވައި، އެކަމަށް މަރްޙަބާ ވިދާޅުވި އެވެ. އަދި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާ ބެހޭގޮތުން އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަގުރީރަށް އެބޭފުޅުން ތަހުނިޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް އިތުރަށް ހަރުދަނާ ކުރަން ޖެހިފައިވާކަން ފާހަގަކުރައްވައި، އެކަމަށް ކުރައްވަންޖެހޭ އިތުރު މަސައްކަތްތައް އެބަހުރި ކަމުގައި ވިދާޅުވިއެވެ. އެގޮތުން، ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަ ކުރައްވައި، އިންސާނީ ޙައްޤުތަކުގެ އުޞޫލުތައް، މުޖްތަމަޢުގައި އިތުރަށް އަށަގެންނެވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މިދަތުރުފުޅުގައި ވަޑައިގަތީ، ތިން ޤައުމަކަށެވެ. އެއީ އިނގިރޭސިވިލާތަށާއި، ކެނެޑާއަށާއި، ސްވިޓްޒަރލަންޑަށެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގަތީ މިއަދު ހެނދުނުއެވެ.